ކޮންޓެންޓަށް ދިޔުމަށް

ތާރީޚް

ވަޒަންވެރިވުމާއި އާބާދުވުން

ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރުގެ ވެރިކަމުގައި ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިޔަށްގެންދެވި އާބާދީއާއި، ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދިޔަ ކުދި އާބާދީތައް އޭރުގެ ބަހުރުވައިންނަމަ ހުކުރު ހަމަނުވާ އާބާދީތައް ބިންބޮޑު ލަފާފުރަން ފަސޭހަ ރަށްރަށަށް ބަދަލުކުރެއްވުމުގެ މަސައްކަތް ފެއްޓެވިއެވެ. އެގޮތުން ށ. އަތޮޅުގައި ދިރިއުޅެމުން ދިޔަ މިފަދަ ކުދި އާބާދީތައް ފަރުކޮޅުފުނަދުއަށް ބަދަލުކުރުމަށް ނިންމަވައި ޅައިމަގުގައި އޭރު ހިންގަމުންދިޔަ ށ.އަތޮޅުއޮފީސް 1 ޖެނުއަރީ 1968 ވީ ހޯމަ ދުވަހު މިރަށަށް ބަދަލުކުރެއްވިއެވެ.

މިއީ ފަރުކޮޅުފުނަދޫ އާބާދުކުރެއްވުމަށް އެންމެފުރަތަމަ ދިވެހި ސަރުކާރުން އެޅުއްވެވި ހަރުދަނާ ބިންގަލެވެ. އެއަށްފަހު ފަރުކޮޅުފުނަދުއަށް ބަދަލުވުމަށް ހުޅުވާލި ފުރުޞަތުގައި ރަށްގިރުމާއި، މިނިއާލާނުވުމުގެ ހިތްދަތި ކަމުގައި ދިރިއުޅެމުންދިޔަ ނ. ބޮމަސްދޫ މީހުން އެރަށަށް ބަދަލުކޮށްދިނުމަށް ސަރުކާރުގައި ދެންނެވިއެވެ.

އެއަހަރުގެ ތެރޭގައި ސަރުކާރުން ނ. ބޮމަސްދޫ މީހުން ފަރުކޮޅުފުނަދުއަށް ބަދަލުކުރުމަށް ހަމަޖައްސައިވައި 1970ވަނަ އަހަރުގެ މާޗް މަހުގެ 3 ވީ އަންގާރަ ދުވަހު ބޮމަސްދޫގެ 3 ޢާއިލާއެއް މިރަށުގައި ވަޒަންވެރިކުރެވުނެވެ. އެރަށުގެ 36 ގޭގައި ދިރިއުޅެމުންދިޔަ 180 މީހުން ފަރުކޮޅުފުނަދުއަށް ބަދަލުކޮށް ނިމިފައިވަނީ 1973ވަނަ އަހަރުގެ ތެރޭގައެވެ.

މި 36 ގޭގެ މީހުން ދިރިއުޅުމަށްޓަކައި ދައުލަތުގެ ފަރާތުން ފުނދޫގައި އިމާރާތްކުރި ގެތައް ޢިމާރާތްކޮށްދެއްވާފައިވަނީ އޭރު ބޮމަސްދޫގައި ހުރި ފެންވަރަށްވުރެ ރަނގަޅުފެންވަރުގައެވެ. ފަނުން ހަދާފައި ހުރި ގެއެއްނަމަ ފަނުން ބިއްގަނޑުހަދައި ޓިނުން ހިޔާކޮށް އުވައިން ތަޅުންއަޅައި، އަދި ރާނާފައި ހުރި ގެއެއްނަމަ ރާނައި ޓިނުން ހިޔާކޮށް، ފިލައިން ބިއްހަދާފައިހުރި ގެއްއްނަމަ އެގެވެސް ރާނާ ޓިނުންހިޔާކޮށް، ވަޅަކަށް ވަޅެއް، އަދި ވަޅެއް ނެތްނަމަ ގޯނިވަޅެކެވެ. ސަރުކާރުން ބަދަލެއްގެ ގޮތުން ގެއަކަށް 95/- ރުފިޔާ އަދި ރުކަކަށް ރުކެއް އަދި ކޮންމެ ތިން ގަހަކަށް ގަހެއް ފަރުކޮޅުފުނަދޫން ހަމަޖައްސަވައިދެއްވިއެވެ.

ފުނަދޫގައި ދިރިއުޅޭ އެންމެ ދުވަސްވީ މީހުންގެ ވާހަކަތަކަށް ބަލާއިރު ފުނަދުއަކީ ވަރަށް ދުރު މާޟީއެއް އޮތް ގިނަ ޢަދަދެއްގެ ބަޔަކު ދިރިއުޅެފައިވާރަށެކެވެ. ތުންތުންމަތީން ދެކެވޭ ވާހަކަތަކަށް ބަލާއިރު ފުނަދުއަކީ ވަރަށްކުރިންސުރެ މީހުން ވަޒަންވެރިވެ ދިރިއުޅެފައިވާ ރަށެކެވެ. ރަށުގެ އެކި ހިސާބުތަކުގައި ވަޅުލެވިފައިވާ އިންސާނުންގެ ކައްޓާއި، ގަބުރުސްތާނުތަކާއި، ވަޅުތައް އަދި މީގެ އިތުރުންވެސް އޭރުގެ މީހުން ބޭނުންކުރި ސީނުތައްޓާއި، މުށިން ހަދާފައިވާ ބައެއް އާލާތްތަކާއި، ހަނގުރާމަތަކުގައި ބޭނުންކޮށްފައިވާ އުންޑަފަދަ ތަކެތި ރަށުގެ އެކިހިސާބުތަކުން ފެންނަމުންދާކަމީ އެކަމުގައި ފޮރުވިފައިވާ ޙަޤީޤަތްތަކެއް ވާކަމުގެ ހެއްކެކެވެ.

މީހުން ދިރިއުޅުމަށްފަހު ފަޅުވި މައިގަނޑު ސަބަބެއްކަމަށް ރަށުގެ ދުވަސްވީ މީހުންގެ ވާހަކަތަކުން އެނގިފައިވަނީ މިރަށް ފަޅުވެފައިވަނީ ކުރިމަތިވި އާދަޔާ ޚިލާފުބަލިމަޑުކަމެއްގެ ސަބަބުން ކަމަށެވެ. އެހެނީ ޤަބުރުސްތާނު ފިޔަވައި ރަށުގެ އެކިތަންތަނުން އެކި ކޮޅުކޮޅަށް ،އެކިފަރާތްތަކަށް އަދިއެކި ފުންމިނުގައި ހުންނަ ޤަބުރުތައް ފެނިފައިވާ ކަމުން އެނގެނީ އެގަބުރުތަކަކީ ބަޔަކު ވަޅުލާފައިވާ ގަބުރުތަކަށްވުރެބޮޑަށް މަރުވެގެން ވެއްޓި އެކިތަންތަނުގައި ތިބެފަނާވެގެން ގޮސްފައިވާ ބައެއްގެ ހަށިތަކެއްކަމެވެ. އަދި މިރަށުގެ ފަޅުތެރޭގައިވާ ކައްބެހުރާއިން ގިނަ ގަބުރުތަކެއް ފެނިފައިވާ ކަމީ މިރަށުގެ މީހުންނަށް އެޖެހުނު މުޞީބާތުން ސަލާމަތްވުމަށް ގޮސްތިއްބާ މަރުވެފައިވާ މީހުންކަމަށް ބެލެވެއެވެ.

އަދި ރަށުގެ ޒިޔާރަތްމަގުގެ ހުޅަނގުކޮޅުން ފެނިފައިވާ މަހާނަގައުތަކުގައި ހުރި ލިއުންތަކަށް ބަލާއިރު ނ. ބޮމަސްދޫމީހުން ބަދަލުވުމުގެ 100 ވަރަކަށް އަހަރުކުރިން މިރަށުގައި މީހުން ދިރިއުޅެފައިވާކަން ދުވަސްވީ މީހުންގެ ވާހަކަތަކުން އެނގެއެވެ. ރަށުން ފެންނަމުންދާ ގަބުރުތަކާއި، ގަބުރުސްތާނުތަކަށް ބަލާއިރު މިރަށަކީ ބޮޑު އާބާދީއެއް ދިރިއުޅުނު އަދި އިސްކޮޅުން ދިގު ބޮޑެތި މީހުންތަކެއް ދިރިއުޅުނު ރަށެއްކަމުގައި ފާހަގަކުރެވެއެވެ.

ފަރުކޮޅުފުނަދޫ ފަޅުވުމަށްފަހު އަތޮޅުގެ އެކި ރަށްރަށުން މީހުން އައިސް ދިގުމުއްދަތެއްގައި ދަނޑުވެރިކަން ކުރަމުންގޮސްފައިވެއެވެ. މިގޮތުން ޅައިމަގާއި، ފިރުބައިދޫ، ބިލެތްފަހި މީހުން އެކިފަހަރުމަތިން ބިންބިއާއި، ކުދިބަތް، ދޮނަޅަ،ކަރާފަދަ ތަކެތި ހައްދާފައިވެއެވެ. އަދި ދަނޑުވެރިކަން ކުރުމުގެ މަސައްކަތުގައި އުޅުނުއިރު ފަރުކޮޅުފުނަދޫގައި އުފަންވެފައިވާ މީހުން މިހާރުވެސް ދުނިޔޭގައި އެބަތިއްބެވެ.

ވެރިކަމާއި އޮފީސް

ފަރުކޮޅުފުނަދޫގައި މީހުން އާބާދުވުމަށްފަހު އެންމެ ފުރަތަމަ ކަތީބުކަންކުރެއްވީ ފަރުކޮޅުފުނަދޫ އަލިވާގޭ އަލްމަރުޙޫމް ޢަބްދުﷲ ޢަބްދުލްކަރީމުއެވެ. ކުޑަކަތީބުކަން ކުރެއްވީ ށ.ޅައިމަގު އަލްމަރުޙޫމް އާދަމް މުޙައްމަދު ކަލޭގެފާނެވެ. އަދި އެދުވަސްވަރު އަތޮޅުވެރިޔަކަށް ހުންނެވީ ހ.މަދަރުސާދޮށުގޭ އަޙްމަދު މަނިކު ( ކުޑަ އަޙުމަދު މަނިކެވެ.) ފުރަތަމަ ކުޑަކަތީބެއްގެ ގޮތުގައި 13 މާޗް 1975ގައި ޅައިމަގު އަލްމަރުޙޫމް މުޙައްމަދު ޢަލީ ހަމަޖެއްސެވިއެވެ.

އަދި ކަތީބު އަލްމަރުޙޫމް ޢަބްދުﷲ ޢަބްދުލްކަރީމު ކަތީބުކަމުން ވަކިކުރައްވައި ޕެންސަން ދެއްވީ 9 ޑިސެމްބަރ 1980ގައެވެ. އަދި 8 ފެބްރުއަރީ 1982ގައި އަލުން ކުޑަކަތީބުކަން ދެއްވާފައިވެއެވެ. އަދި 9 ޑިސެމްބަރ 1980 ގައި ރަށުގެ ކުރީގެ ކުޑަކަތީބު އަލްމަރުޙޫމް މުޙައްމަދު ޢަލީއަށްކަތީބުކަން ދެއްވާފައިވެއެވެ.

މުޙައްމަދު ޢަލީ ނިޔާވުމަށްފަހު ކަތީބުކަން ކުރައްވާފައިވަނީ ށ.ފުނަދޫ އިރަމާގޭ އިސްމާޢީލް ޢަބްދުﷲ އެވެ. އޭގެފަހުން އޮފީސް ހިންގުމާ ޙަވާލުކުރައްވާފައިވަނީ ބޮޑުކަތީބު ށ.ފުނަދޫ ހިރިޔާ އަޙްމަދު ނަސީމު އާއެވެ. 2008 ވަނައަހަރު އޮފީސް ހިންގުމުގެ ނިޒާމަށް އައިބަދަލާ ގުޅިގެން އޭރުގެ ސަރުކާރުން މީހުންދިރިއުޅޭ ކޮންމެރަށަކަށް ކައުންސިލަރެއް ހަމަޖައްސައި އޮފީސް ހިންގެވުން ކައުންސިލަރ ށ.ފުނަދޫ އިރުދޭމާގެ އިބްރާހީމް މުޙައްމަދާ ޙަވާލުކުރެއްވިއެވެ.

އަދި އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކައުންސިލްތައް އިންތިޚާބުކުރެވި ހުވާކުރުމާ ހަމައަށް އިބްރާހީމް މުޙައްމަދު އެމަޤާމުގައި ދެމިހުންނެވިއެވެ. ފުނަދޫ ކައުންސިލްގެ ފުރަތަމަ ދައުރަށް އިންތިޚާބުވެފައިވަނީ ށ.ފުނަދޫ މަލަސް ޢަބްދުﷲ ރަޝީދާއި، ގުޑްލަކް އަޙްމަދު އިބްރާހީމްފުޅާއި، ހަނދު ޢަބްދުއްޝުކޫރު އާދަމާއި، ފިނިހިޔާގޭ ޢަބްދުއްރަޙްމާނު އަޙްމަދާއި، ނިވައިދޮށުގޭ އަޙްމަދު ފާއިޒެވެ. އަދި ދެވަނަ ދައުރަށް އިންތިޚާބުވެފައިވަނީ ށ.ފުނަދޫ ގުޑްލަކް އަޙްމަދު އިބްރާހީމްފުޅާއި، މަލަސް ޢަބްދުﷲ ރަޝީދު އާއި، ފީރޯޒުގޭ އިލްޔާސް ޙާމިދާއި، މަޒާ އަޙްމަދު ނަޒީރުގެ އިތުރުން ފިނިހިޔާގޭ ޢަބްދުއްރަޙްމާނު އަޙްމަދެވެ.

ބޮމަސްދޫމީހުން ބަދަލުވުމަށްފަހު އެންމެ ފުރަތަމަ އޮފީހެއްގެ ގޮތުގައި ބޭނުންކުރަމުން އައީ ޗާނދަނީވިލާގެ ފަން ޢިމާރާތެވެ. އޮފީސް ރަސްމީކޮށް ހުޅުވުނީ 27 ސެޕްޓެމްބަރ 1971ގައެވެ. 26 ފެބްރުއަރީ 1977ގައި ފަރުކޮޅުފުނަދޫ އޮފީސް ފަނުން ހަދައި އައުޢިމާރާތަކަށް ބަދަލުކުރެވުނެވެ.

16 މެއި 1983ގައި މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން އޮނަރަބްލް އަލްއުސްތާޛް ޢަބްދުﷲ ޙަމީދު ރަށުއޮފީހުގެ ބިންގައު އަޅުއްވައިދެއްވިއެވެ. އަދި އެޢިމާރާތުގެ މަސައްކަތް ނިންމައި 5 ޖުލައި 1987ގައި ހުޅުވުނެވެ. 15 ސެޕްޓެމްބަރ 2005ގައި ޢިމާރާތްކުރުމުގެ މަސައްކަތް ފެށުނު ފުނަދޫ އޮފީހުގެ އައު ޢިމާރާތް ނިންމައި ރަސްމީކޮށް ހުޅުވުނީ 31 މާޗް 2006ގައެވެ.

3 ޖެނުއަރީ 1983ން ފެށިގެން ފާރުނޫސް ކިޔާ ނޫހެއް ފުނަދޫ އޮފީހުގެ ފަރާތުން ނެރެފައިވެއެވެ. އަދި ވާރޭވެހޭވަރު ބަލާ މީޓަރެއް އެންމެ ފުރަތަމަ ބެހެއްޓީ 28 ޑިސެމްބަރ 1983ގައި ފުނަދޫއޮފީހުގެ ގޯތިތެރޭގައިކަން ފާހަގަކުރެވެއެވެ.

ޤަދީމީ ބިނާތައް

މިހާރު ފެންނަން ނެތްކަމުގައިވިޔަސް ނ. ބޮމަސްދޫ މީހުން މިރަށުގައި ވަޒަންވެރިވިއިރު މިހާރުގެ ޒިޔާރަތްމަގާއި، ރެހެންދި މަގު ގުޅޭ ހިސާބުގައި 10ފޫޓް ދިގު 10 ފޫޓު ފުޅާ ސަރަހައްދެއްގެ ވަށައިގެން ތިރިފާރެއް އުވައިން ރާނައި މެދުގައި ގަލުން ފާރުހަދައި ވަކަރުން ގިއުގަނޑުހަދައި ޓިނުން ހިޔާކޮށްފައިވާ ޒިޔާރަތެއް ބިނާކުރެވިފައިވެއެވެ. އެޒިޔާރަތަށް އެދުވަސްވަރުގެ މީހުން އެކިކަންކަމަށް ނަދުރުބުނެ ކާށިލާކަމަށްވެއެވެ.

އަދި މަސްވެރިކަން ތަދު ދުވަސްވަރެއްގައި ނަމަ ޒިޔާރަތް ސާފުކޮށް ދޮންވެލިލުމުން މަސްވެރިކަން ތިޔާގިވާކަމަށް ބުނެއުޅެއެވެ. މިހާރު މިރަށަށް އައިސްފައިވާ ބަދަލުތަކަށް ބަލާއިރު ފަރުކޮޅުފުނަދުއަކީ އެއްފަޅުގައިވާ ކައްބެހުރާ ވެލިގަނޑާއި އެއްހިސާބަކަށް ދިގު ތުނޑި އޮތް އަދި މިހާރު ގޮނި އޮންނަ ދިމާއިން ދޯނިފަހަރަށް ހުރަސްކުރެވޭގޮތަށް އުފެދި ގޮނިންފެށިގެން ތުނޑިއާއި ދެމެދަކީ ވަކިރަށެއްގެ ގޮތުގައި އޮތް ރަށެކެވެ. ރަށުގެ ހުޅަނގު ފަރާތުގައި ބޮޑުކުރެދި ގަހާއި، ދިމާއިން ދެކުނުގައި ގޮޑުދޮށް ހިމާޔަތްވާގޮތަށް ބޮޑެތި އާނުތަކެއް އުފެދިފައިވެއެވެ.

ނަމަވެސް އެދުވަސްވަރު އާމްދަނީ ހޯދުމަށް ގިނަބަޔަކު ކުރަމުންއައި ކަށިމިޔަރުގެ މަސްވެރިކަމަށް ފެއްތުމަށްޓަކައި ފަނާހެދުމަށް ބޭނުންކޮށް އެއާނުގަނޑުގެ ބޮޑުބައެއް ވަނީ ނެތިގޮސްފައެވެ. ޗަކަބިންތަކަކާއެކު އުފެދިފައިވާ މިރަށުގެ ދެކުނުކޮޅުގައި 4 ކުޅިއާއި، ދެކުނު ކޮޅުގައި ދެކުޅި އޮންނަކަން ފާހަގަކުރެވެއެވެ. މިރަށާއި، އެއްފަޅުތެރޭގައި މިހާރުއޮތް ފަރުކޮޅާއި، ދޮންވެލި ހުރާ ކައްބެހުރާ އަދި ބިސްހުރާގެ އިތުރުން އިތުރު 3 ދޮންވެލި ފިނޮޅާއި،އަކިރިފިނޮޅެއް އޮތެވެ.

މިބަދަލުތައް ރަށަށް އަންނަންޖެހުނު މައިގަނޑު ސަބަބަކީ ރަށުގެ އުމްރާނީ ތަރައްޤީއަށް އައި ކުރިއެރުމެވެ. ޢިމާރާތްކުރުމަށް ވެއްޔާއި، އަކިރި އަދި ފަޅުތެރެއިން ގައު ނެގުމުގެ ނަތީޖާއެއްގެ ގޮތުންކަން ފާހަގަކޮށްލެވެއެވެ.

ހުކުރު މިސްކިތް

ރަށަށް މީހުން އާބާދުކުރުމަށްޓަކައި ސަރުކާރުން މިސްކިތެއް އިމާރާތްކޮށްދެއްވާފައިވެއެވެ.ދިގުމިނުގައި 55 ފޫޓް އަދިފުޅާމިނުގައި 32 ފޫޓު ހުންނަ ފަރުކޮޅުފުނަދޫ ހުކުރުމިސްކިތުގެ އުސްމިނަކީ ތަޅުމުންފެށިގެން 10 ފޫޓެވެ.މިސްކިތުގައިފުރަތަމަ ހުކުރުކުރެވުނީ 20 ސެޕްޓެމްބަރ 1974ގައެވެ. މިމިސްކިތުގެ މުދިމްގެ މަޤާމަށް ށ.ފަރުކޮޅުފުނަދޫ ހިރުނދުމާގޭ އަލްމަރުޙޫމް އަޙްމަދު އިބްރާހީމް، 13 މެއި 1975ގައި ހަމަޖައްސާފައިވެއެވެ. އެދުވަސްވަރު ރަށުގައި ދިރިއުޅެނީ ހުކުރަށްދާ ޢުމުރުގެ 57 ފިރިހެނުންނެވެ.

28 މާޗް 1985ގައި ހުކުރުމިސްކިތުގައި އެޅުމަށް ބޭނުންވާ ތަރަފާލު ށ.ފުނަދޫ ސޯސަންގޭ އަޙްމަދު މުޙައްމަދާއި، ދެތަނޑިމާގޭ ޙުސައި މޫސާ އާއި، ހުވަނދުމާގޭ އިބްރާހީމް ޙަސަން ހަދިޔާކޮށްދެއްވާފައިވެއެވެ. އަދި އެމިސްކިތުގެ ސީލިންގ 9 ސެޕްޓެމްބަރ 1985ގައި ކުރެވިފައިވެއެވެ.މީގެ އިތުރުންވެސް އެކިފަހަރުމަތީން މިސްކިތް މަރާމާތުކުރެވެމުންގޮސް، މިސްކިތުގައި އެންމެ ފުރަތަމަ އަޑުގަދަކުރާ ސެޓެއް ބަހައްޓާފައިވަނީ 25 މާޗް 1994ގައެވެ. ރަށަށް ބަދަލުވިއިރު އަންހެނުން ނަމާދުކުރާނެ ވަކި މިސްކިތެއް ނެތުމާއެކު ރައްޔިތު ފިރިހެނުންގެ މަސައްކަތު 7 ސެޕްޓެމްބަރ 1972ގައި ދަނޑިފަނުން މިސްކިތެއް ޢިމާރާތްކުރެވިފައިވެއެވެ.

އެއަށްފަހު 23 ޖެނުއަރީ 1980ގައި އަންހެނުންގެ މިސްކިތެއްގެ ބިންގައު އަޅުއްވައިދެއްވައި 31 މެއި 1982ގައި މިސްކިތް ނިންމައި، ބޭނުންކުރަން ފެށުނެވެ. ދިގުމިނުގައި 23 ފޫޓް 8 އިންޗި، ފުޅާމިނުގައި 14 ފޫޓް 6 އިންޗި، އުސްމިނުގައި 6 ފޫޓް 6 އިންޗިހުރި މިސްކިތުގައި އެޅުމަށް ބޭނުންވާ ތަރަފާލު1 ޑިސެމްބަރ 1984ގައި ށ.ފަރުކޮޅުފުނަދޫ ރަބީޢުގޭ އަލްފާޟިލާ ނަފީސާ އަޙްމަދު ހަދިޔާކޮށްދީފައިވެއެވެ. ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ފުނަދޫގައި ޢިމާރާތްކުރެވު މަސްޖިދުއްރިޟުވާން 8 އޭޕްރީލް 1996ގައި ހުޅުވައި، ކުރިން ބޭނުންކުރަމުންދިޔަ މިސްކިތް އުވައިލެވުނެވެ.

މަސްޖިދުއްރިޟުވާނުގައި މުށިޖަހައި އިސްކުރުބަރި ހަދައި ނިމިފައިވަނީ 6 ޖޫން 1997 ގައެވެ. މިމިސްކިތުގެ ބޮޑުމިނަކީ 32 ފޫޓް 48 ފޫޓެވެ. އުތުރުކޮޅު ކުޑަމިސްކިތް މަސްޖިދުލްޣުފުރާނުގެ ބިންގައު 7 އޯގަސްޓް 1997ގައި އަޅުއްވައިދެއްވައި، 28 ޖުލައި 1999ގައި އޭރުގެ މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން އަލްއުސްތާޛް ޢަބްދުﷲ ޙަމީދު ހުޅުއްވައިދެއްވިއެވެ.

އަދި މިސްކިތުގައި ފުރަތަމަ ހުކުރު ނަމާދުކުރަން ފެށުނީ 15 އޮކްޓޯބަރ 2004ގައެވެ. އާބާދީ އިތުރުވެ މީހުން ދިރިއުޅޭ ސަރަޙައްދު ފުޅާވުމާ ގުޅިގެން ރަށުގެ ދެކުނުކޮޅުގައި މިސްކިތެއް އެޅުއްވުމަށް ސަރުކާރުން ނިންމަވައި 26 ޑިސެމްބަރ 2007ގައި ބިންގައު އަޅުއްވައިދެއްވިއެވެ. 70 ފޫޓް، 70 ފޫޓުގެ މިމިސްކިތް 65 ފޫޓުގެ އުސް މުންނާރަކާއެކު ނިންމައި 29 އޭޕްރީލް 2010ގައި ހުޅުވައިދެއްވީ ފުނަދޫ ހިޔާ އަލްޙާފިޛް އިބްރާހީމް ރަމްޒީއެވެ.

މަސްޖިދުއްރިޟުވާނު ބައުވެ ހަލާކުވަމުންދާތީ އެމިސްކިތް އަލުން ޢިމާރާތްކުރުމަށް 2015ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާކަން ފާހަގަކުރެވެއެވެ.

ދިރިއުޅުމާއި އާމްދަނީ

ރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށްޓަކައި މައިގަނޑު ގޮތެއްގައި ކޮށްއުޅުނު މަސައްކަތްތަކަކީ ދަނޑުވެރިކަމާއި، އުވަދެވުމާއި، ރޮދުލުމާއި، ދަރުކޮށުމާއި، ވަދުމަސްވެރިކަމާއި، ދޮށީގެ މަސްވެރިކަން އަދި ޚާއްޞަގޮތެއްގައި ލޭނުއެޅުމުގެ މަސައްކަތާއި، ރައިވެރިކަމެވެ. ދަނޑުވެރިކަމުން އުފައްދާ ބާވަތްތަކަކީ ބިންބިއާއި، ކުދިބަތާއި، ޒުވާރިއާއި، ދޮނަޅައާއި، ކަރާ، ބޮޑުކެކުރި، ފަތްކޭލުގެ ބާވަތްތަކެވެ. މީގެ އިތުރުން ރަށުގެ ވަލުތެރޭގައި ހެދިފައިވާ ހިއްތަލަގަސްތަކުން ލިބޭ ހިއްތަލަ ހިތިފިލުވައިގެން ތަފާތު ކާއެއްޗިހި ތައްޔާރުކޮށް ބޭނުންކުރަމުން ގޮސްފައިވެއެވެ.

1979ވަނަ އަހަރާ ހަމައަށް މިރަށުގެ ރައްޔިތުން މައިގަނޑުގޮތެއްގައި ކެއުމަށް ބޭނުންކުރަމުން އައީވެސް މިދެންނެވުނު ބާވަތްތަކާއި، ކަނޑުފަޅުން ލިބޭ ބާވަތްތަކެވެ.ރައްޔިތުންނަށް އާމްދަނީ އިތުރުކުރުމަށްޓަކައި ރޮދުކޮށިގަނޑުތައް ތައްޔާރުކޮށް މުޅިރައްޔިތުން ހިމެނޭގޮތަށް ރޮދުއަޅައި ހިފޭއެކި ބާވަތްބާވަތުގެ މަސް ލޮނުއަޅައި ވިއްކައިގެން އާމްދަނީ ހޯދާފައިވާކަން އެނގެއެވެ. އަދި މިދެންނެވުނު މަސައްކަތުގައި ބޭނުންކުރަމުންދާ ކޮށިގަނޑު ރިތްމަހާއި، އެކިކަހަލަ ވެހިމަސް ހިފުމުގައި ބޭނުންކުރަމުން ދިޔައެވެ. ރިތްމަހާއި، ވެހިމަސް ބެހުމުގައި ރައްޔިތުންނަށް ހަމަހަމަވާ ގޮތުގެމަތީން ކޮންމެ ގެއަކަށް ބޮލުގެ ނިޞްބަތުން ބަހަމުން ގެންގޮސްފައިވާ ކަމީ އެދުވަސްވަރު ފަރުކޮޅުފުނަދޫގައި ދިރިއުޅުނު މީހުންނަކީ އެކުވެރިބައެއްކަން ހާމަކޮށްދޭ ކަމެކެވެ.

ތަރައްޤީއަށް އައި ހަލުވި ބަދަލާއެކު އާމްދަނީ ހޯދުމަށް އިތުރު ދޮރުތައް ހުޅުވި ރަށަށް ލިބޭ އާމްދަނީ އެތައް ގުނައަކަށް އިތުރުވެގެން ދިޔައެވެ. ޓޫރިޒަމް ފުޅާވެގެން އައިދުވަސްވަރު ރަށުގެ ގިނަޒުވާނުން ޢާއިލާއާ ދުރުގައި ރިސޯޓްތަކުގައި މަސައްކަތް ކުރިއެވެ. ހަމައެއާއެކު ރަށުގެ ޢުމްރާނީ ތަރައްޤީއަށް އައިކުރިއެރުމާއެކު ގެދޮރު ބިނާކުރުމުގެ މަސައްކަތުން ގިނަބަޔަކު އާމްދަނީ ހޯދަމުން ދިޔައެވެ.

އޭރު މަސްވެރިކަންކުރާ އުޅަނދުފަހަރު މަދު ނަމަވެސް މިހާރު ފުނަދުއަކީ ކުދިއުޅަނދުފަހަރު ގިނަ ރަށެކެވެ. ވުމާއެކު މަސްވެރިކަމުގައި، ޚާއްޞަކޮށް ފަރުމަހުގެ މަސްވެރިކަމާއި، ހިބަރުގެ މަސްވެރިކަމުން ބޮޑުނަފާއެއް ރައްޔިތުން ހޯދަމުންދާކަމީ ފެންނަން އޮތް ޙަޤީޤަތެކެވެ. އެއާއެއްވަރަށް ދޮށީގެ މަސްވެރިކަމާއި، ވަދުމަސްވެރިކަންވެސް ކުރަމުންދެއެވެ.

މީގެ އިތުރުން އިހިނެގުމާއި، ހުއިފިލަނޑާގެ މަސްވެރިކަންވެކަންވެސް މަދުމަދުން ނަމަވެސް ކުރަމުންދާކަން ފާހަގަކުރެވެއެވެ.

ސަޤާފަތާއި އާދަކާދަ

ޒަމާނުންސުރެ މިރަށަކީ ސާފުތާހިރުކަމަށް ލޯބިކުރާ ބައެއް ދިރިއުޅެމުން އައިސްފައިވާ ރަށެކެވެ. ރައްޔިތު އަންހެނުން އަތިމައްޗާއި، އިޖްތިމާޢީ ސަރަހައްދުތައް ކުނިކަހައި، ސާފުކޮށް ބަލަހައްޓަމުން ދާއިރު ރަށުގެ ގޮނޑުތައް ދޭތެރެދޭތެރެއިން ރައްޔިތު ފިރިހެނުން ސާފުކުރަމުން ގޮސްފައިވެއެވެ. މިގޮތުން އޭރުވެސް ކުނި އަޅަމުން އައީ ރަށުއޮފީހުން ފާހަގަކޮށްފައިވާ ވަކި ސަރަހައްދުތަކަށް ކަން ފާހަގަކުރެވެއެވެ.

ނަމަވެސް އާބާދީ އިތުރުވުމުގެ ސަބަބުން އުފެދޭ ކުނިބުނި އިތުރުވެ އަޅަމުން ދިޔަ ގޮނޑުތައް ފުރި ރަށުގެ ދެފަރާތުގެ ހޭޅި ކުނިބުނިން ފުރުމުން ރަށުއޮފީހުން އެކަމަށް އެހެން ސަރަޙައްދުތަކެއް ކަނޑައަޅައި، އެސަރަހައްދުތައް ބެލެހެއްޓުމަށް ކޮންޓްރެކްޓް އުޞޫލުން މީހުންނާ ޙަވާލުކުވިފައިވެއެވެ. އެހެން ނަމަވެސް ކުނީގެ މައްސަލަ އެގޮތަށް ޙައްލުކުރެވޭނެ ކަމަށް ނުފެންނާތީ 2011 ފެބްރުއަރީ 26 ގައި ފުނަދޫ ކައުންސިލަށް މެންބަރުން އިންތިޚާބުވެ އެކައުންސިލްގެ ވިސްނުމަކަށް ވެގެންދިޔައީ ރަށުގައި ކުނިނައްތާލުމުގެ ރަނގަޅު ނިޒާމެއް ޤާއިމުކުރުމެވެ. އެކިފަހަރުމަތިން ރައްޔިތުންނާ ބައްދަލުކޮށް މަސްވަރާކުރުމަށްފަހު ރައްޔިތުންގެ އެއްބަސްވުން ހޯދިފައިވެއެވެ.

އަދި ރައްޔިތުންގެ އަޣްލަބިއްޔަތު އޮތް ގޮތަށް އުޞޫލެއް އެކުލަވާލައި އެއުޞޫލާ އެއްގޮތަށް ހިންގުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށް ތަފާތު ފޯރަމްތަކުގައި ވާހަކަ ދެކެވި އަދި ވަކިވަކި ފަރުދުންނާ ވާހަކަދެކެވިގެން މަސައްކަތް ކުރެވެމުން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ކައުންސިލްގެ ދައުރު ނިމި ދެވަނަ ކައުންސިލްގެ ފުރަތަމަ އަހަރު، އާދެ! 2014 ޑިސެމްބަރ 1 ވަނަދުވަހު ދެމެހެއްޓެނިވި ގޮތުގައި ކުނި ނައްތާލުމުގެ ޕްރޮގްރާމު "މަގޭ ސާފު ފުނަދޫ" ނުރަސްމީގޮތެއްގައި ފެށި، އޭގެ ނަތީޖާ މިހާރު އުއްމީދީ ގޮތެއްގައި މިދަނީ ފެންނަމުންނެވެ. މިޕްރޮގްރާމަކީ ސީދާ ރައްޔިތުންގެ މާލިއްޔަތުން ޚަރަދުކޮށްގެން ކުރިޔަށްގެންދެވޭ ޕްރޮގްރާމެއްކަން ފާހަގަކުރެވެއެވެ.

ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް އާދައެއް ކަމުގައިވާ މާލޫދުކިއުމާއި، ދުޢާބުނުންފަދަ ކަންކަމަކީ މިރަށުގައިވެސް ވަރަށް ފޯރީގައި ކުރަމުން އައިސްފައިވާ ކަމެކެވެ. ނ.ބޮމަސްދޫމީހުން މިރަށަށް ބަދަލުވުމަށްފަހު އެންމެފުރަތަމަ މާލޫދުފުޅެއް ކިޔާފައިވަނީ 8 މާޗް 1971ވަނައެވެ. މިދުވަހަކީ ފަރުކޮޅުފުނަދުއަށް ބަދަލުވުމަށްފަހު އެންމެން އެކުގައި އެންމެ ފުރަތަމަ ނަމާދެއް ކުރި ދުވަސް ކަމުގައި އޭރުގެ ލިއެކިއުންތަކުން ފެންނަން އެބަހުއްޓެވެ.

ފަރުކޮޅުފުނަދޫގައި ވިހާ ގިނަމީހުން މަސްތުރަވުން ދަތިވަމުންދާތީ ފަރުކޮޅުފުނަދޫ ކަތީބު ހިޔާ އަލްމަރުޙޫމް މުޙައްމަދު ޢަލީ ރަށުގެ ކުރިޔަށްތިއްބެވި މީހުންނާއެކު މިސްކިތަށްދުރުވެ ކަތީބު އިސްވެ ދެރަކްޢަތް ނަމާދެއްކޮށް، ގަތް ނަދުރަކީ މިއަދުން ފެށިގެން ކޮންމެ އަހަރަކު ޛުލްޙިއްޖާ މަހުގެ 14 ވިލޭރޭ ފަރުކޮޅު ފުނަދޫގައި މައުލޫދުފުޅެއް ކިޔަމުން ގެންދިއުމަށެވެ. އަދި ނިންމެވި ނިންމެވުމަކީ ނަދުރު މައުލޫދުފުޅު ކިޔަން ދިމާވި ސަބަބެވެ. ދީނީގޮތުން ފާހަގަކޮށްލެވޭ ދުވަސްދުވަހާ ގުޅިގެން މުޅިރައްޔިތު ފިރިހެނުން ސާމިލްވާގޮތަށް ކޭން ކައްކައި މާލޫދު ކިއުމުގައި ރަށުގެ ހުރިހާ ގެއަކުންވެސް އިންތިޒާމްކުރެވޭ ގޮތެއްގެމަތީން ބައިވެރިވަމުން އައިސްފައިވެއެވެ.

އަދި އަޟްޙާ ޢީދާއި، ފިޠުރު ޢީދު ފާހަގަކުރުމަށް ރައްޔިތުން އެކީގައި މަސައްކަތްތަކެއް ކުރެވިފައެވެ. މިގޮތުން ކޮންމެ އަހަރަކުވެސް ކޯޑިކުޅުމާއި، ދަނޑިޖެހުމާއި، ބޮޑުބެރު ޖެހުމާއި، ތަފާތު ޘަޤާފީ ކުޅިވަރުތައް ރާވައިގެން ކުރިޔަށްގެންދެވިފައިވެއެވެ. ކުޑަކުދިންނަށް ރީތި ހެދުންފައްސައި ޢީދުގެ ޙަރަކާތްތަކަށް މާކުރިންސުރެ ތަންޔާރުވަމުން ގޮސްފައިވެއެވެ.

މީގެ އިތުރުން ކޮންމެ އަހަރެއްގެ ރަމަޟާންމަހަށް އަންބެލުން ހަދައި ލާގުޅާ އޮށް އެއްކޮށް، ގޭކައިރިއަށް ދޮންވެލިލައި ޒީނަތްތެރިކުރާ ކަމީ އަންނަމުންދާ ޖީލަށް މިކަންކަމުގެ މުހިންމުކަން އަންގައިދިނުމަށް ކުރިންސުރެ ކުރެވެމުންގޮސްފައިވާ ރަނގަޅު ކަންތައްތަކެއް ކަމުގައި ފާހަގަކުރެވެއެވެ. އޭގެ އިތުރުން މިރަށުގެ ރައްޔިތުންނަކީ ހިތްހެޔޮ، ޒިޔާރަތްކުރާ މެހުމާނުންނަށް މެހުމާންދާރީ އަދާކުރަމުންދާބައެވެ. މިގޮތުން މިރަށަކީ ޤައުމީ ފެންވަރުގައި މުނާސަބަތުތައް އެންމެ ގިނައިން ފާހަގަކުރަމުން އައިރަށޭ ދެންނެވުމަކީ ދޮގަކަށްނުވާނެއެވެ.

ޚާއްޞަކޮށް މިނިވަންދުވަހާއި،ޤައުމީ ދުވަހާއި، ޒުވާނުންގެ ދުވަސް ފުނަދޫގައި ފާހަގަކުރުމުގައި ރައްޔިތުން އަދާކޮށްފައިވާ ދައުރަކީ އެހެން ރަށްރަށަށް ނަމޫނާއެއް ކަމުގައި ފާހަގަކުރެވެއެވެ.

ޞިއްޙީ ޚިދުމަތް

އެދުވަސްވަރުގެ ޞިއްޙީ ޙާލަތަށް ބަލާލާއިރު އޭރުގެ އަތޮޅުގެހުރި ގޯތިތެރޭގައި މިހާރުގެ ށ.އަތޮޅުޕޮލިސްސްޓޭޝަންގެ ޢިމާރާތްހުރި ގޯތިތެރޭގައި ފަނުންހަދާފައިވާ ކުޑަކުޑަ ފަރުވާދޭ ކޮޓަރިއެއްހުރެއެވެ. އެދުވަސްވަރު އެމަސައްކަތްކޮށްއުޅުނުފަރާތްތަކުގެ ވާހަކަތަކަށްބަލާއިރު ރާއްޖޭގެ މަދު ހިސާބުތަކެއްގައި ޑޮކްޓަރީބޭސް ލިބެންހުރިނަމަވެސްބަލިމީހުންނަށް ފަރުވާދިނުމަށްޓަކައި އެދުވަސްވަރު ޢާންމުކޮށްތައްޔާރުކޮށްއުޅުނީ ދިވެހިބޭހެވެ.މާބަނޑުމީހުންބެލުމާއި، ވިއްސުމުގެކަންތައް ކުރެވެމުންދިޔައީ ފޫޅުމައިން އެގޭގެއަށް ޒިޔާރަތްކޮށް ދުވަހުން ދުވަހަށް ބަލައި، ދޭންހުރި ފަރުވާ ދެމުންނެވެ. އަދި ވިހެއުމުގައި މައްސަލައެއް ދިމާވެދާނެކަމަށް ފޫޅުމާމައަށް ފެންނަ މީހުން ރަށުގެ ވެރިންނާ ގުޅިގެން ފޮނުވާ ހަދަނީވެސް ފޫޅުމައިންނެވެ.

އަދި ވިހާމައިމީއާ އާއި، ދަރިފުޅު ރަނގަޅު ޙާލަކަށް އަންނަންދެއް ފޫޅުމައިގެ އިރުޝާދުގެ ދަށުން ފަރުވާ ކުރިޔަށްގެންދެވިފައިވެއެވެ. ރައްޔިތުންނަށް ދިމާވާ ޞިއްޙީ މައްސަލަތަކުގައި ފަރުވާދިނުމަށް ފަނުން ހެލްތު ސެންޓަރެއް އެޅިފައިވަނީ މިހާރު ށ.އަތޮޅު ޕޮލިސް ހުރި ޢިމާރާތުގެ އުތުރުގައި ހުރި ޢިމާރާތެއްގައެވެ. އެއަށްފަހު ސްކޫލުގެ މިހާރު އޮފީސް ހިންގަމުންދާ ޢިމާރާތް ހުރި ތަނުގައި ފަނުން ހަދައި ޓިނުން ހިޔާކޮށް ތަޅުން އަޅާފައިވާ ކުޑަ ޢިމާރާތެއްގައި ޞިއްޙީ ޚިދުމަތް ދެވިފައިވެއެވެ.

ކ.މާލޭ މ.ބްލޫ ސްޓޯން ޑޮކްޓަރ އަޙްމަދު އަންވަރު ގެ އަތޮޅުވެރިކަމުގައި އުވައިންރާނާ ހިޔާކޮށް ބޭސްފަރުވާކުރުމަށްޓަކައި ސެންޓަރެއް ޤާއިމްކުރެވުނެވެ. އެންމެ އެނދަކާއިއެކު ސެންޓަރުގެ މަސައްކަތް ރަސްމީކޮށް ފެށިގެން ދިޔައިރު އެތަނުން ދެވެންހުރި ފަރުވާއަކީ ޙާލުދެރަ ބަލިމީހަކަށް އައިވީ ގުޅުމުގެ ޚިދުމަތާއި، އިންޖިކްޝަން ޖެހުމާއި، އާދައިގެ ބަލިބައްޔަށް ފަރުވާދިނުމެވެ. މިޒަމާނުގެ ވަޞީލަތްތަކާއި، ދެވެންހުރި ފަރުވާތަކަށް ބަލާއިރު އެދުވަސްވަރު ބަލިމީހަކަށް ފަރުވާދެވޭނެ އެއްވެސް ވަޞީލަތެއް ނެތޭދެންނެވުމަކީ ދޮގަކަށްނުވާނެއެވެ.ށ.އަތޮޅުގެ ރައްޔިތުންނަށް ދެމުންގެންދިޔަ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ޞިއްޙީމަރުކަޒެއް ޢިމާރާތްކުރުމަށްޓަކައި ށ.ފަރުކޮޅުފުނަދޫއިން އެންމެ ފުރަތަމަ ބިމެއް ދޫކުރެއްވީ 10 ޖުލައި 1986ގައެވެ.

އަދި ހަމަ އެއަހަރުގެ ޑިސެމްބަރ 10ވަނަ ދުވަހު ޢިމާރާތުގެ ބިންގައުއޭރުގެ އަތޮޅުވެރިޔާ މުޙައްމަދު ތައުފީޤް ކަލޭފާނު އަޅުއްވައިދެއްވިއެވެ. އޮފީސްބަޔަކާއި، ބަލިމީހުން ބަލާކޮޓަރިއަކާއި، ފަރުވާދޭ ކޮޓަރިއަކާއެކު ޢިމާރާތްކުރެވުނު އަތޮޅު ޞިއްޙީމަރުކަޒުގެ ޢިމާރާތް ނިންމައި، ރަސްމީކޮށް ހުޅުވައިދެއްވީ 13 މާޗް 1989ގައި އޭރުގެ ހެލްތު މިނިސްޓަރ އޮނަރަބްލް އަލްފާޟިލް ޢަބްދުއްސައްތާރު މޫސާ ދީދީއެވެ. 21 މެއި 2003ގައި ފުނަދޫގައި ހުރި ށ.ޞިއްޙީމަރުކަޒު، ށ.އަތޮޅުހޮސްޕިޓަލަށް ބަދަލުކުރެވުނެވެ.

4 ޖޫން 2003ގައި ރަސްމީކޮށް ހޮސްޕިޓަލް ހުޅުވުމާއެކު ށ.އަތޮޅުގެ ރައްޔިތުންނަށް ލިބެމުންދިޔަ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެން ގޮސްފައިވެއެވެ.އަދި ހަމަ އެއަހަރުގެ ނޮވެމްބަރ 22ވަނަ ދުވަހު ހޮސްޕިޓަލްގެ ވޯޑާއި، ތިއޭޓަރުގެ ބިންގައު އަޅުއްވައިދެއްވައި، ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިފައިވެއެވެ. 31 މާޗް 2010ގައި ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް އޮބްޒަވޭޝަން ރޫމަކާއި، ލެބޯޓްރީ އަކާއި، ފައިލިންގ ރޫމަކާއި، ޓްރީޓްމެންޓް ރޫމަކާއި، 4 ކޮންސަލްޓޭޝަން ރޫމާއި، 3 ފާޚާނާ އާއި، އޯޕީޑީ އޭރިޔާ ހިމެނޭ ގޮތަށް ނިންމައި ހޮސްޕިޓަލާއި، ޙަވާލުކުރެއްވިއެވެ. އަދި 5 ސެޕްޓެމްބަރ 2012ގައި ކުރިން ލެބޯޓްރީއެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ބައި ދެބަޔަށް ބައިކޮށް ބައެއް މަރާމާތުތައް ކުރުމަށްފަހު ދެކޮންސަލްޓޭޝަން ރޫމުގެ ގޮތުގައި ހަމަޖެއްސުނެވެ.

70 ދޭސީން ނާއި، 32 ބިދޭސީންނާއެކު ހިނގަމުންދާ ށ.ފުނަދޫ އަތޮޅުހޮސްޕިޓަލުން އަންހެނުންގެ ޚާއްޞަ ބަލިތަކަށް ފަރުވާދިނުމާއި، ކުޑަދިންގެ ޚާއްޞަ ބަލިތަކަށް ފަރުވާ ދިނުމާއި، ޢާއްމު ބަލިތަކުގެ ފަރުވާއާއި، ލެބޯޓްރީއާއި، އެކްސްރޭ އާއި، އީސީޖީ ނެގުމާއި، އެތެރެހަށީގެ ބައެއް އޮޕަރޭޝަންތައް ކުރެވެމުންދެއެވެ. އަތޮޅުހޮސްޕިޓަލުގައި ލިބެންހުރި ޚިދުމަތްތައް ފަސޭހަ ގޮތެއްގައި އަތޮޅުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި 24 ޖެނުއަރީ 2015ގައި އަތޮޅުތެރެއަށް ޚާއްޞަކޮށް އައުޓްރީޗް ޕްރޮގްރާމްވަނީ ފަށާފައެވެ. މިޕްރޮގްރާމުގެ ދަށުން ހޮސްޕިޓަލްގައި މަސައްކަތްކުރައްވާ ގައިނަކޮލިޖިސްޓް، ޕީޑިއަޓްރީޝަން، ސާރޖަންގެ ޚިދުމަތް އަތޮޅުތެރޭގެ ރަށްރަށުގައި ދިނުމާއި، ރަށްރަށުގެ ޞިއްޙީމަރުކަޒުތަކުގެ ކަންތައްތައް ހިނގާނުހިނގާގޮތް ބަލައި، މަސައްކަތްތައް ހަރުދަނާކުރުމަށް އެޅެންހުރި ފިޔަވަޅުތައް އެޅިގެން ދާނެއެވެ.

މިހޮސްޕިޓަލުން ވަނީ ހެލްތު ޕްރޮޓަކްޝަން އޭޖެންސީން ދޭ ބެސްޓް ރިޕޯޓިންގ އެވޯޑް 2012ވަނަ އަހަރު ޙާޞިލްކޮށްފައެވެ. މީގެ އިތުރުން މިހޮސްޕިޓަލްގެ ޕަބްލިކް ހެލްތު ޔުނިޓުން ކޮންމެ ހަފްތާއަކު އެއްފަހަރު ނުހިނގޭ ބަލިމީހުންގެ ގޭގެއަށް ޒިޔާރަތްކޮށް ފަރުވާދެމުން ދާކަން ފާހަގަކުރެވެއެވެ. އަދި ޞިއްޙީ ކަންކަމުގައި ޢާއްމުން ހޭލުންތެރިކުރުމާއި، އަތޮޅާއި، ރަށުގެ ރައްޔިތުންގެ ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމަށް އެކިދުވަސްވަރު ގިނަމަސައްކަތްތަކެއް ކުރެވެމުންދެއެވެ.

އަދި މަދިރި މަދުކުރުމާއި، ޑެންގީހުމުން ރައްކާތެރިވުމާބެހޭ ޕްރޮގްރާމުތަކާއި، ދުންފަތުގެ ނުރައްކާތެރި ވަބާއިން ޢާއްމުން ރައްކާތެރިކުރުމަށް ތަފާތު ހެލްތު ޕްރޮމޯޝަން ޕްރޮގްރާމުތައް ހިންގަމުންދެއެވެ.މީގެއިތުރުން ޞިއްޙީ ކަންކަމަށް ހޭލުންތެރިކުރުމަށް ބޭނުންތެރި ލީފްލެޓްތަކާއި، ދުންފަތުގެ އިސްތިޢުމާލުކުރުމާ ދެކޮޅަށް ސޯޝަލް މީޑިއާތަކުގައި ބޮޑު ކެމްޕޭނެއް ހިންގަމުންދެއެވެ. އަދި ޑަބްލިޔު.އެޗް.އޯގެ ފަރާތުން މިކަންތައްތައް ފާހަގަކޮށް އެވޯޑެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.

ތަޢުލީމު

ފަރުކޮޅުފުނަދޫގެ ދަރިންނަށް ތަޢުލީމު އުނގަންނައިދިނުމަށް ފަނުން ޢިމާރާތްކުރެވުނު ޗާނދަނީވިލާގައި މަކުތަބުލްމުނީރުގެ ނަމުގައި ސްކޫލެއް 27 ސެޕްޓެމްބަރ 1974ގައި ހުޅުވިފައިވެއެވެ. އަދި މިދެންނެވުނު ތާރީޚުން ފެށިގެން ކިޔަވައިދޭން ފެށިފައިވާކަމަށް ލިއުންތަކުން ފެންނަން އެބަހުއްޓެވެ. އެންމެކުރިންސުރެ ބޭނުންކުރަމުންދިޔަ މަކުތަބުލްމުނީރު ހިންގަމުންދިޔަ ޗާނދަނީވިލާގެ ޢިމާރާތް އުވާލުމަށްފަހު ޗާނދަނީވިލާގެ އައު ޢިމާރާތެއް އުވައިން ރާނައި ޓިނުން ހިޔާކޮށް 1977ގައި ހުޅުވައި ފަރުކޮޅުފުނަދޫ މަކުތަބުގެ ނަމުގައި ހިންގަން ފެށިފައިވެއެވެ.

މި މަކުތަބުގައި މުދައްރިސް ކަމުގެ މަޤާމަށް ށ.ފަރުކޮޅުފުނަދޫ ހީނާގޭ ޢަބްދުލްހާދީ ޔޫސުފް ހަމަޖައްސަވިއެވެ. ސަކާރުގެ ވަޒީފާއެއްގެ ގޮތުގައި މިވަޒީފާ އޭނާއަށް ހަމަޖައްސައިދީފައިވަނީ މަކުތަބުގެ ކުދިން ރަނގަޅަށް ބެލެހެއްޓުމަށާއި، ކޮންމެ ދުވަހަކު މަދަރުސާއަށް ދުރުވެ ކުދިން ތަރުބިއްޔަތުކޮށް ކިޔަވައިދިނުމަށާއި، ކުދިން ބެލެހެއްޓުމާ ބެހޭގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ސަމާލުވުމަށާއި، ކުދިން ނުކިޔަމަންތެރިވެއްޖެނަމަ ރަށުއޮފީހަށް މައްސަލަ ހުށަހެޅުމަށާއި، މަދަރުސާގެ ކަންތައްތައް ކުރުމުގައި ރަށުއޮފީހާއި، މަޝްވަރާކުރުމަށާއި، މަދަރުސާއަށް ކުދިން ވައްދައި ކަނޑައިހެދުމުގައި އޮފީހާ މަޝްވަރާކުރުމަށް ޝަރުޠުކޮށް ލިއުމުގައި ސޮއިކޮށްފައެވެ. ކިޔަވައިދެއްވުމުގެ ކަންތައް ކުރިޔަށްގެންގޮސްފައިވަނީ ފުނަދޫ ކަތީބު ޢަބްދުﷲ ޢަބްދުލްކަރީމުގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ.

ފެށިގެން އައި އިރު ކިޔަވައިދެނީ އިސްލާމް ، ޤުރުއާން ، އަޚުލާޤް ފަދަ ދެތިން ހަތަރު މާއްދާއެކެވެ. ރާއްޖެތެރޭގެ ތަޢުލީމީ ޙާލަތު ރަނގަޅުކުރުމަށް އޭރުގެ ސަރުކާރުން ފެންޓެވި މަޝްރޫޢުގެ ދަށުން ވޮލަންޓިއަރ ސަރވިސް އޯގަނައިޒޭޝަން (ވީ.އެސް.އޯ)ގެ އެހީގައި 3 ކްލާސްރޫމާއި، އޮފީސް ބައެއް ހިމެނޭގޮތަށް އައު ޢިމާރާތެއްކޮށް 10 ނޮވެމްބަރ 1990ގައި ށ.ފަރުކޮޅުފުނަދޫ ސްކޫލުގެ ނަމުގައި ހުޅުވުނެވެ. މިހާރު މި ކިޔާ ގޮތަށް ފުނަދޫ ސްކޫލަށް ބަދަލުވީ 1995 ވަނަ އަހަރެވެ.

4 ޖެނުއަރީ 1992ގައި އެޑިޔުކޭޝަން މިނިސްޓަރ އޮންރަބްލް އަލްއުސްތާޛް ޢަބްދުﷲ ޙަމީދު އުތުރަށް ކުރެއްވި ދަތުރުފުޅުގައި މިރަށަށް ވަޑައިގެން ސްކޫލަށް އިތުރު ދެޓީޗަރުން ދެއްވާގޮތަށް ހަމަޖައްސަވައިދެއްވައި އަތޮޅުތަޢުލީމީ މަރުކަޒުގެ ޓީޗަރ މިރަށު މީނާޒު ޢަޒީމާ ޢަލީ އާއި، އިސްކަންދަރު ސްކޫލުގެ ޤުރުއާން ޓީޗަރ އިރަމާގޭ އިސްމާޢީލް ޢަބްދުﷲ ހަމަޖެއްސެވައިދެއްވައި، ފަރުކޮޅުފުނަދޫ ސްކޫލަކީ ގްރޭޑް 5 ގެ ފެންވަރަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައެވެ.1995 ވަނަ އަހަރާއި ހަމައަށް އައި އިރު ޕްރައިމަރީ ޓީޗިންގ ހައްދަވައިގެން ހުންނެވި އެއް ޓިޗަރަކު ހުންނެވިއެވެ. 1996 ވަނަ އަހަރު އޯލެވެލް ހައްދަވައިގެން ޓީޗިންގ ދާއިރާއަށް ނިކުންނެވި ފުރަތަމަ ޕްރައިމަރީ ޓީޗަރެއްގެ ގޮތުން ފުނަދޫ ރޯޒީ އާދަމް ޝަރީފް ސްކޫލާއި ގުޅިލެއްވިއެވެ. ފަސް މުވައްޒަފުންނާއެކު ކިޔަވައިދެމުން ދިޔަ ފުނަދޫ ސްކޫލުގައި 148 ދަރިވަރުން އޭރު ތަޢުލީމު ޙާޞިލުކުރަމުން ދިޔައެވެ.

އަދި މިސްކޫލުގައި 1996 ވަނަ އަހަރު ގުރޭޑް 6 އުފެދި ޖެހިގެން އައި އަހަރު ގްރޭޑް 7ށް ކިޔަވައިދޭން ފެށުނެވެ. އެދުވަސްވަރު ސްކޫލުތައް ހިންގަމުން ގެންދިޔައީ ރަށު އޮފީހުގެ ބެލުމުގެ ދަށުން ކަމަށްވީތީ ސްކޫލު ހިންގެވުމާ ހަވާލުވެ ހުންނަވަނީ ސްކޫލުން ކަނޑައަޅުއްވާ ބޭފުޅަކެވެ. އެގޮތުން އޭރު ނާޒިރެއްގެ ގޮތުގައި ހުންނެވީ ށ.

ފުނަދޫ އަމަން އަލްފާޟިލް އިބްރާހީމް އަޙުމަދެވެ. ފުނަދޫ ސްކޫލާ ގުޅިލެއްވި ފުރަތަމަ ބިދޭސީ ޓިޗަރަކީ ސްރިލަންކާގެ ރައްޔިތެއް ކަމުގައިވާ ރަތުނަޔެކެ އަރިޔަރަތުނީ މުދިން ސަލަނގޭ ބަންޑާރަ ރަތުނަޔެކެއެވެ. އެންމެ ފުރަތަމަ އެސިސްޓެންޓް ހެޑްމާސްޓަރެއްގެ ގޮތުން މަސައްކަތް ކުރެއްވި ބޭފުޅަކީ 1996 ވަނަ އަހަރު ފުނަދޫ ސްކޫލާއި ގުޅިލެއްވި ށ.މަރޮށީ އަލްފާޟިލް މުޙައްމަދު ޒާހިރެވެ.

އަދި ފުރަތަމަ ހެޑްމާސްޓަރަކީ 1998ވަނަ އަހަރު މިސްކޫލާ ގުޅިވަޑައިގެން ތ. ދިޔަމިގިލީ ދިލްބަހާރުގޭ އަލްފާޟިލް ޔޫސުފް ޒަކަރިއްޔާއެވެ.8 އޭޕްރީލް 1996ގައި ފުނަދޫ ސްކޫލުގައި އިތުރު 4 ކްލާސްރޫމުގެ ބިންގައު އަޅުއްވައި، 13 މާޗް 1997ގައި އެޢިމާރާތް ހުޅުވައި ބޭނުންކުރަން ފެށިފައިވެއެވެ. ފުނަދޫ ސްކޫލުގައި ސާނަވީ ތަޢުލީމު ފެށުމަށް 1998 ވަނަ އަހަރުން ފެށިގެން ތަފާތު ގޮތްގޮތުން މަސައްކަތް ކުރެވުނެވެ.

އޭރު ށ. އަތޮޅުގައި ސާނަވީ ތަޢުލީމު ދެވެނީ ށ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިތުރުން ށ.

އަތޮޅު މަދަރުސާއިންނެވެ. 3 އަހަރު ދުވަހު ކުރެވުނު ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އާ ސާސްކަފާއި ރާއްޖެ ކުރިމަތިލީއިރު ފުނަދޫ ސްކޫލުގައިވެސް ވަނީ ސާނަވީ ތަޢުލީމުގެ ބިންގާ އެޅިފައެވެ. 2000 ވަނަ އަހަރު ގުރޭޑް 8 އުފެދި 2002 ވަނަ އަހަރު ފުރަތަމަ ފަހަރަށް އޯލެވެލް / އެސްއެސްސީ އިމްތިހާނުގައި ފުނަދޫ ސްކޫލުގެ ދަރިވަރުން އިށީނެވެ.2002 ވަނަ އަހަރު ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒުގެ ފަރާތުން ށ.

އަތޮޅުގެ ސްކޫލުތަކަށް ހުޅުވާލައިގެން ބޭއްވި އަތޮޅު ވާހަކަ ދެއްކުމުގެ މުބާރާތާއި މަޒުމޫނު ލިޔުމުގެ މުބާރާތުން ފުނަދޫ ސްކޫލުގެ ދަރިވަރުން ވަނީ ފަޚުރުވެރި ވަނަތަކެއް ހޯދާފައެވެ. ހަމަ އެފަދައިން ކޮންމެ އަހަރަކުވެސް އޮންނަ އަތޮޅު ޤުރުއާން މުބާރާތުން ފުނަދޫ ސްކޫލު ދަނީ ރަނގަޅު ވާނަތަކެއް ހޯދަމުންނެވެ.ފުނަދޫ ސްކޫލުގެ ދަރިވަރަކު 2003 ވަނަ އަހަރު ވަނީ ސާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން 8 މާއްދާއިން އޭ ފާސް ހޯދާފައެވެ.އެދަރިވަރަކީ ށ.ފުނަދޫ ވައިޖެހޭގޭ މުޙައްމަދު ޢާރިފެވެ.މިއީ މިހާތަނަށް 8 މާއްދާއިން އޭ ފާސް ހޯދާފައިވާ ހަމަ އެކަނި ދަރިވަރެވެ. ޤައުމީ ގަދަ 10 ގައި ފުރަތަމަ ހިމެނުނު ދަރިވަރަކީ ފުނަދޫ މާބަގީޗާގޭ ޢާޝިޔަތު ނުޒުހަތުއެވެ.

އޭނާވަނީ ގަދަ10 ގެ 7 ވަނަ ޙާޞިލް ކޮށްފައެވެ.މިސްކޫލުގައި މަތީ ސާނަވީ ތަޢުލީމު ތަޢާރަފް ކުރެވިފައިވަނީ 2006 ވަނަ އަހަރެވެ.2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް މި ސްކޫލުގެ 20 ދަރިވަރަކު ވަނީ ޤައުމީ ގަދަ 10 ގައި ހިމެނިފައެވެ. މީގެ އިތުރުން އެޑިޔުކޭޝަން މިނިސްޓަރީން ސްކޫލުތަކަށް ދެއްވަވަމުންގެންދަވާ ސްކޫލު ޕްރޮގުރެސް އިނާމާ، އެޗީވްމެންޓް އެވޯޑް ފުނަދޫ ސްކޫލުން ވަނީ އެތައް ފަހަރަކު ހޯދާފައެވެ.2012ވަނަ އަހަރާއި، 2013ވަނަ އަހަރަކީ ފުނަދޫ ސްކޫލުގެ ދަރިވަރުން އެންމެ ރަނގަޅު ކާމިޔާބީއެއް ހޯދި ދެއަހަރުކަން ފާހަގަކުރެވެއެވެ.

ރައްޔިތުންގެ މަސައްކަތްތައް

މިރަށުގެ ތަރައްޤީއަށްޓަކައި ރަށުގެ ރައްޔިތުން ގުޅިގެން ތަފާތު މަސައްކަތްތައް ކުރެވިފައިވެއެވެ. އެގޮތުން ރައްޔިތުންގެ މާލިއްޔަތަށް ފާއިސާ އިތުރުކުރުމަށް ރައްޔިތުން ނިކުމެ އުވަވަޅުޖަހައި، ގޯނިގޯންޏަށް އަޅައިގެން އެކި ރަށްރަށަށް ވިއްކުމާއި، މަސްވެރިކަން ނެތް ދުވަސްވަރެއްގައި ނަމަ ދަރުކޮށައިގެން މާލެއަށް ވިއްކުން ހިމެނެއެވެ. މީގެ އިތުރުން ރޮދުއަޅައިގެން މަސްހިފައި، ލޮނުއެޅުމަށްފަހު ވިއްކައިގެން ފައިސާ ހޯދާފައިވެއެވެ.

މިގޮތުން ކުރެވުނު މަސައްކަތްތަކުން ހޯދާފައިވާ ފައިސާއިން ނުވަތަ ރައްޔިތުން ދާއޮހޮރުވައިގެން ކުރެވުނު މަސައްކަތުން އަންހެނުންގެ މިސްކިތަކާއި، ޗާނދަނީވިލާ ޢިމާރާތާއި، ރަށުގެ ކަރަންޓުގެ ޚިދުމަތް ދޭންފެށުމީ ތަރައްޤީ އަންނަމުންދިޔަ ރޭޓަށް ބަލާއިރު މިރަށުގެ ރައްޔިތުންނަށް އައްސެރިބަހާއި، ސާބަސް ރައްދުކުރަންޖެހޭނެ ކަމެކެވެ. ރަށުގެ ރައްޔިތުންނަކީ މަސައްކަތްތެރި ބަޔަކަށް ވުމާއެކު ސަރުކާރުން ދެއްވި ގެއަށް ބަލަހައްޓައިގެން ތިބުމަކީ އޭރުގެ ރަށްވެހިންނަށް ކުޅަދާނަ ކަމަކަށް ނުވުމާއެކު އުވަދަވައި، ޢާއިލާ މީހުންނާއި، ރައްޓެހިންނާއެކު ގޮސް ހިރިނަގައިގެން ގައުތަޅައި އުވައިން ގެ ޢިމާރާތްކުރުމުގެ މަސައްކަތް ކުރަން ފެށިއެވެ. އެގޮތުން ގިނަ ގޭގެއަކީ އަވަސް މުއްދަތެއްގައި ރާނާފައިވާ ގެތަކެއްކަމުގައި ވެގެން ގޮސްފައިވުމާއެކު އެހެން ރަށްރަށަށް ނަމޫނާއަކަށް ވެގެންދިޔަކަން ފާހަގަކުރެވެއެވެ.

ކަރަންޓު

ނ. ބޮމަސްދޫއިން ފަރުކޮޅުފުނަދުއަށް ބަދަލުވީންސުރެ 1986ވަނަ އަހަރާ ހަމައަށް ގޭގޭގައި ދިއްލުމަށްޓަކައި މިރަށުގެ ރައްޔިތުން ބޭނުންކުރަމުން އައީ ފުޅި ބައްތިއެވެ. އަދި ރައްޔިތުންގެ ކަންކަމުގައި އެއްވެ، އުޅޭ ތަންތަންތަން ދިއްލުމަށް ބޭނުންކުރަމުން އައިސްފައިވަނީ ބިގަރެވެ.

އަދި ސަރުކާރުގެ އިދާރާތަކުގައި ބޭނުންކުރަމުން އައީ ބިގަރާއި، ފާނޫޒެވެ. ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ޚިޔާލުކުރެވި، އެކަމަށް ބޭނުންވާ ތަކެތި ހޯދުމަށްޓަކައި ރޮދުއަޅައިގެންނާއި، ދަރުކޮށައިގެންނާއި، އުވަދަވައިގެން ފައިސާ ހޯދިފައިވެއެވެ. ރައްޔިތުން ދާއޮހޮރުވައިގެން ކުރެވުނު މިމަސައްކަތުން 1986ވަނަ އަހަރު ފުރަތަމަ ފަހަރަށް 3.5 ކިލޯވޯޓުގެ ޖަނަރޭޓަރަކުން ކަރަންޓުގެ ޚިދުމަތް ދޭން ފެށުނެވެ.

ރައްޔިތުންގެ ތެރެއިން މަދު ބަޔަކު މިޚިދުމަތް ބޭނުން ނުކުރި ނަމަވެސް ގިނަ ބަޔަކު މިޚިދުމަތް ބޭނުންކޮށްފައިވަނީ 8 ވޯޓުގެ ހޮޅިބުރިއަކާއި، 5 ވޯޓުގެ ބޮތްކެއް އަދި ކަރަންޓް ދިނުމަށް ބޭނުންވާ ކޭބަލް ދިނުމުންކަން ފާހަގަކުރެވެއެވެ. އަދި އޭރު ސަޕްލައިގެ ގޮތުގައި މުޅި ރަށަށް އެޅިފައިވަނީ 44 ގެ ކޭބަލް އަދި ގޭގެއަށް އެޅިފައިވަނީ ކަނެކްޓަރަކާއި ސްއިޗަކާއެކު 2 ފަށް ނަރެވެ. އިންޖީނުގެ ހެދިފައިވަނީ މިހާރު ސްކޫލުގެ ގުދަން ހުރިތަނުގައި ކުރީގެ އޮފީހާ ދިމާވާ ގޮތަށް 8 ފޫޓް، 8 ފޫޓުގެ ކުޑަކުޑަ ޢިމާރާތެއްގައެވެ.

އަދި ކަރަންޓް ފީ ނެގެމުން އައިސްފައިވަނީ 8 ވޯޓުގެ ހޮޅިބުއަކަށް އަށް ރުފިޔާ، 5 ވޯޓުގެ ބޮތްކަކަށް ފަސްރުފިޔާގެ ރޭޓުންކަން ފާހަގަކުރެވެއެވެ. ރައްޔިތުންނަށް ދެމުންއައި ކަރަންޓް އިތުރުށް ފުޅާކުރުމުގެ ގޮތުން 1993ގައި 15 ކިލޯވޯޓުގެ އިތުރު ޖަނަރެއް ރައްޔިތުންގެ މަސައްކަތު ހޯދިފައިވެއެވެ. އެޖަނަރޭޓަރާއެކު ކުރިން ބޭނުންކުރި ޢިމާރާތް އުވާލައި ކުރީގެ ރަށުއޮފީސް ހިނގަމުންދިޔަ ގޯތީގެ އިރުއުތުރު ކަނުގައި އަލަށް އިންޖީނުގެއެއް ޢިމާރާތްކޮށް ކަރަންޓުގެ ޚިދުމަތް ދޭން ފެށުނެވެ.

ފިރުނބައިދޫ މީހުން ފުނަދުއަށް ބަދަލުކުރުމުގެ މަސްރޫޢު ހިންގުމަށް ވާހަކަ ދެކެވެމުން އައި ދުވަސްވަރު އެޚިދުމަތް ރަނގަޅުކުރުމަށް ފިރުބައިދޫ ރކ. ކޮމިޓީއާ މަޝްވަރާކޮށް އެކަން ސަރުކާރުގައި ދެންނެވުމުން 22 ކިލޯގެ ޕާކީންސް 2 ޖަނަރޭޓަރާއި، މެނުއަލް ޕެނަލްބޯޑަކާއި، ފޯކޯކޭބަލް ދެއްވާފައިވެއެވެ. 7 ދުވަހުގެ ތެރޭގައި ރައްޔިތުން މުޅި ރަށްކޮނެ ކޭބަލް ވަޅުލައި، 24 ގަޑިއިރަށް ކަރަންޓް ބަދަލުކުރެވި، މަގުތަކުގައި ހޮޅިދަނޑި ޖެހިފައިވެއެވެ.އަދި ގޭގޭގައި ކަރަންޓް މީޓަރު ބަހައްޓައި ޔުނިޓަށް އަގުނަގާގޮތަށް ބަދަލުކުރެވިގެން ދިޔައެވެ.

އިންޖީގޭގެ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ދާދިފަހަކާ ޖެހެންދެން ބޭނުންކުރަމުން އައި އިންޖީނުގެ ޢިމާރާތްކުރެފައިވަނީ 1996ވަނަ އަހަރުގެ ތެރޭގައެވެ. ރައްޔިތުންގެ އެހީތެރިކަމާއެކު ސަރުކާރު މުވައްޒަފުންއިސްވެ ކުރި މިމަސައްކަތަށް ކުރެވިފައިވަނީ ރައްޔިތުން ޚަރަދުކޮށްގެނެވެ. އެޢިމާރާތް ހިޔާކުރެވިފައިވަނީ ކުރީގެ ހުކުރުމިސްކިތް ރައްޔިތުން ތަޅާލުމުން އޭގެ ހަދިޔާއެއްގެ ގޮތުގައި ދެއްވި މިސްކިތު ފުރާޅުގެ ވަކަރާއި، ފަތި އަދި ޓިނު ބޭނުންކޮށްގެންނެވެ.

ފިރުނބައިދޫ މީހުން ފުނަދުއަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން ބަދަލުކުރެވޭ ކޮންމެ ފިޔަވައްސަކަށް ސަރުކާރުން އެކި ވަރުގެ ޖަނަރޭޓަރތައް ބަހައްޓައިދީ އިތުރުވާ ސަރަހައްދުތަކަށް ކޭބަލް އަޅައިދެމުން ގޮސްފައިވާކަން މިފުރުޞަތުގައި ފާހަގަކޮށްލަމެވެ. އަދި އޭގެފަހުން 169 ކިލޯވޯޓުގެ ޖަނަރޭޓަރެއް ރައްޔިތުން ޚަރަދުކޮށްގެން ގެނެވިފައިވެއެވެ. ގޭގައި ބޭނުންކުރާ އިލެކްޓްރޯނިކް ތަކެއްޗަށް ގެއްލުންވަމުންދާތީ، ސަރުކާރުން ފަސްލައްކަ ރުފިޔާގެ ލޯނެއް ނަގައިގެން ސިންކްރޮނައިޒް ޕެނަލްބޯޑެއް 2005ވަނަ އަހަރުގެ އޭޕްރީލް 5ވަނަ ދުވަހު ގެނެވި، 2005 މެއި 20ވަނަ ދުވަހު އެޕެނަލްބޯޑު މެދުވެރިކޮށް ރަސްމީކޮށް ކަރަންޓް ދޭން ފެށުނެވެ.

ޗައިނާ ޗެރިޓީ ފައުންޑޭޝަނާއި، ރެޑްކްރޮސް ސޮސައިޓީ އޮފް ޗައިނާއާއި ގުޅިގެން ޢިމާރާތްކުރެވުނު ގެތަކަށް ކޭބަލް އެޅުމަށް ސަރުކާރުން ހިންގެވި ޕްރޮޖެކްޓާއެކު ރަށުގެ އެކި ސަރަހައްދުތަކުގެ މައިކޭބަލް ރަނގަޅުކުރެވިފައިވެއެވެ. އަދި 2010ވަނަ އަހަރުގެ ތެރޭގައި މާލިއްޔަތުން ޚަރަދުކޮށްގެން 500 ކިލޯވޯޓުގެ ޖަނަރޭޓަރެއް ގެނެވިފައިވެއެވެ. ހަމައެއާއެކު 2011ވަނަ އަހަރު ކައުންސިލް އިންތިޚާބުވުމަށް ފަހު ރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް ޚާއްޞަ އިސްކަމެއްދީ މަސައްކަތްތަކެއް ފެށިފައިވެއެވެ.އެގޮތުން ޒަމާނީ ފެންވަރުގައި އައު އިންޖީނުގެއެއް ޢިމާރާތްކުރުމުގެ މަސައްކަތް 2012ވަނަ އަހަރު ފަށައި،ދެބުރިއަށް ޢިމާރާތްކޮށް، ކޮންޓްރޯލް ރޫމަކާއި، ކޮޓަރިއަކާއި، އިންޖީނު ރޫމެއް ހިމެނޭގޮތަށް 82 ފޫޓް 37 ފޫޓުގެ ބޮޑުމިނުގައި އިމާރާތްކޮށް 25 ޖެނުއަރީ 2015ގައި ޚިދުމަތް ދޭން ފެށިފައިވެއެވެ.

އެއާއެކު 500 ކިލޯވޯޓުގެ އާ ޖަނަރޭޓަރެއް އިންސްޓޯލް ކުރެވިފައިވެއެވެ. ރައްޔިތުން ކެނޑިނޭޅިކުރި ބުރަމަސައްކަތާއި ހެޔޮއެދޭފަރާތްތަކުގެ ދީލަތި އެހީތެރިކަމާއި ސަރުކާރުގެ އެހީތެރިކަމާއެކު ފުނަދޫ ރައްޔިތުންގެ އިންޖީނުގޭގައި މިހާރު 500 ކިލޯވޯޓުގެ 2 ޖަނަރޭޓަރާއި، 250 ކިލޯވޯޓުގެ ޖަނަރޭޓަރަކުން ކަރަންޓުގެ ޚިދުމަތްދެމުންދެއެވެ.

ތަރައްޤީ

ފުނަދޫ މިއަދު މިދެކޭ ތަރައްޤީގެ ކުލަތައް ފެންނަން ފަށާފައިވަނީ 1990ވަނަ އަހަރުގެ ތެރޭގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމުގެ ޒަޢާމަތުގައެވެ. 22 އޭޕްރީލް 1997 ގައި ކުރީގެ އަތޮޅުއޮފީހާއި، އަތޮޅުގެ ހުރި ޢިމާރާތުގައި ސިފައިންގެ މަރުކަޒެއް ޤާއިމުކުރެވުނެވެ. 2 މެއި 1998ގައި ކޯޓުގެ އައުޢިމާރާތުގެ ބިންގައު އަޅުއްވައިދެއްވައި، 24 އޮކްޓޯބަރ 1998ގައި އެޢިމާރާތް ހުޅުއްވައިދެއްވިއެވެ.

އަތޮޅުގޭ ގޯތިތެރޭގައި މަރިޔާދުގެ ޢިމާރާތުގެ ބިންގައު 26 ޖެނުއަރީ 1998ގައި އަޅުއްވައިދެއްވައި 24 އޮކްޓޯބަރ 1998ގައި އެ ޢިމާރާތް ހުޅުއްވައިދެއްވިއެވެ. ކުރުމުއްދަތެއްގެ ތެރޭގައި ފުނަދުއަށް މިފަދަ ތަރައްޤީއެއް ގެނައުމުގެ އަމާޒެއް ކަމުގައި ވެފައިވަނީ ފުނަދުއަކީ ސަރުކާރުން ކުރިޔަށްގެންދެވި އާބާދީއާއި، ތަރައްޤީ އެއްފަސްކުރުމުގެ މަޝްރޫޢުގެ ދަށުން ށ.އަތޮޅުގެ އާބާދީ މަދު ރަށްރަށުގެ މީހުން ފުނަދުއަށް ބަދަލުކުރުން ކަމީ ޝައްކެއް އޮތް ކަމެއްނޫނެވެ. މިގޮތުން ހިންގެވި އެންމެބޮޑު މަޝްރޫޢަކީ ށ.ފިރުބައިދޫގައި ދިރިއުޅެމުންދިޔަ އެންމެން ފުނަދުއަށް ބަދަލުކުރުމެވެ.

781 މީހުން ދިރިއުޅެމުންދިޔަ ފިރުބައިދޫ މީހުން ފުނަދުއަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން ފިރުބައިދޫގައި ހުރި ގެއަކަށް ގެއެއް އަދި ރުއްގަހުގެ ބަދަލާއި، ބޯފެނާއި، ފާޚާނާގެ ނިޒާމު ރަނގަޅުފެންވަރެއްގައި ހެދިފައިވެއެވެ. ބިމުގެ ދަތިކަމާއި، ލަފާފުރުމުގެ ދަތިކަން އިންތިހާއަށް ދިމާވެފައިވާ ށ.ފިރުބައިދޫ ރައްޔިތުން ފުނަދުއަށް ބަދަލުވުމުގެ ވިސްނުން ގެންގުޅެންފެށީ 1992 ވަނައަހަރުގެތެރޭގައެވެ. ފަރުދީ ފެންވަރުގައި ބަދަލުވުމުގެ ވާހަކަދެކެވުންގޮސް 1992ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު އެރަށުގެ ރަށްކުރިއަރުވާ ކޮމިޓީއަށް ހުށަހަޅައި ހިޖުރަކުރުން އެންމެރަނގަޅުކަމަށް ކޮމިޓީގެ އިއްތިފާޤުން ފާސްވިއެވެ.

އެކަން ފާސްކުރެވިފައިވަނީ ރައްޔިތުންގެ ބައްދަލުވުމެއްގައި އެވާހަކަ ހިއްސާކޮށް ރައްޔިތުންގެ ޚިޔާލާއި، މަޝްވަރާހޯދުމަށެވެ. ފިރުނބައިދޫގެ ރައްޔިތުންގެ ތެރެއިން 6 މީހުން ފިޔަވައި އެހެން އެންމެންގެ އަޣްލަބިއްޔަތުން އެހެން ރަށަކަށް ބަދަލުވުމަށް ނިންމައި، އޭރުގެ އެޓޮލްސް މިނިސްޓަރ އޮނަރަބްލް އިލްޔާސް އިބްރާހީމަށް މިވާހަކަ ދެންނެވުމަށާއި، އަދި ސަރުކާރުގެ ބަހެއް ހޯދުމަށް ނިންމުނެވެ. މިނިސްޓަރގެ އެދިލެއްވުމަށް ރަށްކުރިއަރުވާ ކޮމިޓީގެ 5 މެންބަރުން ރަށުއޮފީހުގެ ސިޓީއަކާއެކު މާލެދިއުމުން ސަރުކާރުގެ ފަރާތުން ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށާއި، ފުރިހަމަ ބަދަލެއް ދެއްވާނެކަމަށް ޖަވާބުލިބިފައިވުމީ ސަރުކާރުން މިކަމަށް ދެއްވާފައިވާ ސަމާލުކަން ހާމަވާކަމެކެވެ.

ފިރުނބައިދޫ ރަށްކުރިއަރުވާ ކޮމިޓީން ފޮނުވި ސިޓީގެ ޖަވާބު ދެއްވުމަށް އޭރުގެ އަތޮޅުވެރިޔާ އަލްފާޟިލް މޫސާ ރަމީޒު އެރަށަށް ވަޑައިގެން އެޖަވާބު އިއްވަވައި އެންމެ ފުރަތަމަ ފަށާ މަޝްރޫޢެއްގެ ގޮތުގައި ހަމަޖައްސަވައި ރުއްގަހުގެ ބަދަލުވެސް ހަމަޖެހިފައިވާ ކަމަށް ރަށު ރައްޔިތުންގެ ޙާޟިރުގައި ވިދާޅުވިއެވެ. މިމަޝްރޫޢުގެ ހިނގައިގަތުމުން ރައްޔިތުންގެ ތެރެއިން އިސްކޮށްތިބި މަދު މީސްކޮޅެއްގެ ބަހަށް ހެއްލިގެން ބަދަލުވުމާ ދެކޮޅަށް ފިރުނބައިދޫގެ ގިނަ ޢަދަދެއްގެ ޢާއިލާތައް ނިކުމެ ފުނަދުއަށް ބަދަލުވުމަށް މުޅިން ނިންމާފައިވާ 26 ޢާއިލާއަށް އެކިއެކި ގޮތްގޮތުން އުނދަގުލާއި،ދުއްތުރާ ކުރަމުން ގޮސްފައިވެއެވެ. އެހެން ނަމަވެސް އޭރުގެ ސަރުކާރުން ނިންމަވާފައިވާ ގޮތަށް ބާކީތިބި ޢާއިލާތަކުގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް ހުރިނަމަވެސް އޭރުގެ ސަރުކާރުން ފިރުނބަދޫގެ ކޮންމެ ޢާއިލާއެއް ވެސް ފުނަދޫ އަށް ބަދަލުކޮށްފައިވަނީ އެ ޢާއިލާއަކުން ފުނަދޫއަށް ބަދަލުވާން ސަރުކާރުގައި އެދުމުންނެވެ.

އޭރު ފުނަދޫ އަށް ހިޖުރަކުރުމާ ދެކޮޅަށް ގިނަބަޔަކު ޝުޢޫރުފާޅުކޮށް އެކަމަށް މަސައްކަތްކުރިނަމަ ވެސް އެމީހުން ވެސް މިހާރު ގަބޫލުކުރަނީ މިއީ ކުރިމަގަށް އެޅުނު ހަރުދަނާފިޔަވަޅެއްގެ ގޮތުގައެވެ.ފިރުނބައިދޫން ފުރަތަމަ ފިޔަވަހީގައި ބަދަލުވި 26 ޢާއިލާ ފުނަދުއާށް ހިޖުރަކޮށްފައިވަނީ 1 ޑިސެމްބަރ 1997ގައެވެ. އަދި 4 ފިޔަވައްސަކަށް ބަހާލައިގެން ކުރިޔަށްގެންދެވުނު މިމަޝްރޫޢު 11 އޯގަސްޓް 2004ގައި ނިންމައި ފިރުނބައިދޫ ފަޅުރަށެއް ކަމުގައި ސަރުކާރުން ހަމަޖެއްސެވީ 19 އޯގަސްޓް 2004 ގައެވެ. އަދި އެމަޝްރޫޢުގެ ތެރެއިން ށ.މާކަނޑޫދޫން ފުނަދުއަށް ބަދަލުވާން އެދުނު 130 މީހުންވެސް އެ އިނާޔަތްތަކާއެކު ބަދަލުކުރެވުނެވެ.

ހައުންސިންގ މިނިސްޓްރީން ނަމޫނާ މަޝްރޫޢުގެ ގޮތުގައި ފުނަދޫގައި ޢިމާރާތްކޮށްދެއްވި 24 ގެއަށް ނޫމަރާއިން 24 ޢާއިލާ ބަދަލުކުރައްވާފައިވަނީ 25 ޖެނުއަރީ 2006ގައެވެ. އަދި ސުނާމީ ކާރިސާއާ ގުޅިގެން ރެޑްކްރޮސް ސޮސައިޓީ އޮފް ޗައިނާ އާއި، ޗައިނާ ޗެރިޓީ ފެޑެރޭޝަންގެ އެހީގައި ފުނަދޫގައި އެޅުމަށް ހަމަޖެހިފައިވާ 66 ގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު 18 ޑިސެމްބަރ 2005 ވީ އާދިއްތަ ދުވަހު ބާއްވައި، ގެތައް ނިމި ރަސްމީކޮށް ދިވެހިސަރުކާރާ ޙަވާލުކުރެއްވީ 9 އޭޕްރީލް 2008ގައެވެ. އެއަށްފަހު އެގެތަކަށް ބަދަލުވާން ބޭނުންވާ ށ.އަތޮޅުގެ ރައްޔިތުންނަށް ފުރުޞަތު ހުޅުވާލުމުން ށ.ފޭދޫއިން 6 މީހުން، ކޮމަންޑޫން 18 މީހުން، މަރޮށި 8 މީހުން، މާއުނގޫދޫ 42 މީހުން، ޅައިމަގު 5 މީހުން، އަދި ނޫމަރާއިން ކުރިން ބަދަލުވި 24 ގޭގެ މީހުންނާއެކު ޖުމްލަ 271 މީހުން ބަދަލުވެފައިވެއެވެ.

މީހުން ބަދަލުކުރުމުގެ މަޝްރޫޢާ ގުޅިގެން ފުނަދޫގެ ހުޅަނގު ފަރާތުގައި 1200 ފޫޓް ދިގު، 250 ފޫޓް ފުޅާ ބަނދަރެއް ހަދައި 6 އޭޕްރީލް 2001ގައި ބޭނުންކުރަން ފެށިފައިވެއެވެ. 2007ވަނަ އަހަރުގެ އޭޕްރީލް މަހުގެ 26ވަނަދުވަހަކީ ފުނަދުއަށް ފުރަތަމަ ފަހަރަށް ބޭންކިންގެ ޚިދުމަތް ތަޢާރަފްވި ދުވަހެވެ. ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތް ލިބެންފެށީ އެދުވަހުން ފެށިގެންނެވެ.

2008ވަނަ އަހަރުގެ މެއިމަހުގެ 8ވަނަ ދުވަހު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރގެ ޢިމާރާތް ނިންމައި ބޭނުންކުރަން ފެށުނެވެ. 9 އޯގަސްޓް 2009ގައި މިރަށުގައި ހެދުމަށް ހަމަޖެހިފައިވާ ބަނދަރާއި، ނަރުދަމާގެ މަސައްކަތް ފައްޓަވައިދެއްވީ ދިވެހިޖުމްހޫރިއްޔާގެ ނައިބުރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަންމަނިކެވެ. އަދި 6 އޮކްޓޯބަރ 2010ގައި ފުނަދޫ ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމައި ވަގުތީގޮތުން ބެލެހެއްޓުން ފުނަދޫ އޮފީހާ ޙަވާލުކުރެވުނެވެ.

ށ.އަތޮޅުގެ ތަރައްޤީއަށްޓަކައި ފުނަދުއަށް ޚާއްޞަކޮށްގެން ފެއްޓެވި ގިނަ މަޝްރޫޢުތަކެއްގެ ތެރެއިން އަތޮޅުއޮފީހާއި، އަތޮޅުގޭގެ އައު ޢިމާރާތުގެ ބިންގައު 26 އޭޕްރީލް 1994ގައި އަޅުއްވައި، 12 މާޗް 1995ގައި އަތޮޅުގޭގެ އައު ޢިމާރާތް ހުޅުއްވައިދެއްވުމާއި، 13 މާޗް 1997ގައި އަތޮޅުއޮފީހުގެ އައު ޢިމާރާތް ހުޅުވައި ޚިދުމަތްދޭން ފެށުނެވެ.ނ.ބޮމަސް ދޫއިން ފަރުކޮޅުފުނަދުއަށް މީހުން ބަދަލުވިއިރު ށ.އަތޮޅުވެރިކަމުގައި ހުންނެވީ ކުޑައަޙްމަދު މަނިކެވެ. އެއަށްފަހު ށ.ޅައިމަގު ޢަލީ އާދަމް ކަލޭފާނެއެވެ. 1976ން 1977 ށް ށ.މަރޮށީ ފިނިވާގެ ޢަލީ މޫސާ އަތޮޅުވެރިކަން ކުރެއްވިއެވެ.

އެއަށްފަހު 1 އަހަރުގެ މުއްދަތަށް ކ.މާލޭ މ.ބްލޫ ސްޓޯން އަޙްމަދު އަންވަރު އަތޮޅުވެރިކަންކުރެއްވިއެވެ. އެއަށްފަހު ހ. ސައިކުރާގޭ ސައިކުރާ ޙުސައިން ނަޢީމު އެއް އަހަރު އަތޮޅުވެރިކަން ކުރެއްވުމަށްފަހު 1978ވަނަ އަހަރު ސިކުނޑި ޙަސަންމަނިކު އަތޮޅުވެރިކަމާ ޙަވާލުވެ 4 އަހަރާއި، 5 މަހާއި، 5 ދުވަހު އަތޮޅުވެރިކަންކުރެއްވިއެވެ.

އަދި ހ. ވައިޖެހޭގޭ އިސްމާޢީލް މަނިކު 1983 ން 1985 ށް އަތޮޅުވެރިކަން ކުރެއްވިއެވެ. އެއަށްފަހު މުޙައްމަދު ތައުފީޤްކަލޭފާނު 2 އަހަރާއި، 5 މަހާއި، 5 ދުވަސް ވަންދެން އަތޮޅުވެރިކަންކުރުމަށްފަހު އަތޮޅުވެރިކަމާ ޙަވާލުވީ ކުޑައިބްރާހީމް މަނިކު ދޮންމަނިކެވެ.

އެއަށްފަހު 8 ފެބްރުއަރީ 1994ގައި ށ.ކޮމަންޑޫ ޗަމަން މޫސާރަމީޒު އަތޮޅުވެރިކަމާ ޙަވާލުވެ، 13 މެއި 2002ގެ ނިޔަލަށް އަތޮޅުވެރިކަން ކުރެއްވުމަށްފަހު ދެން ޙަވާލުވެފައިވަނީ މުޙައްމަދު މާހިރުއެވެ. އެއަށްފަހު އަޙްމަދު ޤާސިމް އަތޮޅުވެރިކަމާ ޙަވާލުވެވަޑައިގެން 2008ވަނަ އަހަރު ސަރުކާރު ބަދަލުވުމާގުޅިގެން އެމަޤާމުން ވަކިވެވަޑައިގެންނެވިއެވެ. 2008ވަނަ އަހަރު އަތޮޅުކައުންސިލަރ ކަމާ ޙަވާލުވެވަޑައިގެންނެވި، ށ.މާއުނގޫދޫ ނޫރާނީގެ ޢަބްދުލްޙަންނާނު ޙުސައިންއާ ދެކޮޅަށް ރައްޔިތުންގެ ތެރެއިން މަދު ބަޔަކު އަތޮޅުކައުންސިލް ދޮށަށް އެއްވެ ހިންގި ހަމަނުޖެހުމަކާ ގުޅިގެން 2009 އޮކްޓޯބަރ 14ވަނަ ދުވަހުގެ ރޭ 11:00 ގައި،ފުނަދޫ އަލުން އާބާދުވުމަށް މެދުވެރިވި ސަބަބުކަމަށްވާ ށ.އަތޮޅުއޮފީސް ހިއްޕަވައިގެން ފުނަދޫއިން ފުރާވަޑައިގެންނެވުން އެއީ ފުނަދޫގެ ތާރީޚުގައި ކަޅުއަކުރުން ފަވާލެވުނު ދުވަހެއްކަމުގައި ވެގެންދިޔައެވެ.

އަތޮޅުއޮފީސް ރަސްމީކޮށް މިލަންދުއަށް ބަދަލުކުރެއްވިކަން ސަރުކާރުން އިޢުލާނުކުރެއްވީ 24 އޮކްޓޯބަރ 2009ގައެވެ.1 އަހަރާއި، 3މަސް ދުވަހުގެ މުއްދަތަކަށް ފަހު ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތައް އުފެދި ށ.އަތޮޅުކައުންސިލް ހުވާކުރި ދުވަހު، ބޭއްވުނު ފުރަތަމަ ޖަލްސާގައި ކައުންސިލް ހިންގާނީ ލާމަރުކަޒީ ޤާނޫނުގައިވާ ގޮތުގެމަތީން ށ.އަތޮޅުގެ މަރުކަޒީ ރަށް ފުނަދޫގައި ކަމަށް ކަނޑައަޅައި އެޖަލްސާއަށްފަހު ވަނީ އަތޮޅުކައުންސިލް އިދާރާ އަލުން އަނބުރާ ފުނަދުއަށް ގެނެވިފައެވެ. އެއަށްފަހު ފުލުހުން މެދުވެރިކޮށް އޭރުގެ ސަރުކާރުން ވަނީ ފުނަދޫގައި ހުރި އަތޮޅުކައުންސިލްގެ އަދާރާ ބަންދުކޮށް އަލުން މިލަންދުއަށް ބަދަލުކުރުމަށް ރައްޔިތުންނާއި، އަދި ޤާނޫނު އަސާސީއާ ޤާނޫނުތަކާ ޚިލާފަށްމަސައްކަތްތަކެއް ކޮށްފައެވެ. އަދި އަތޮޅުކައުންސިލުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއްކަމަށް ކޯޓުން ނިމިފައިވާ ކަމީ ފުނަދޫގެ ތަރައްޤީ އާއުސްމިންތަކަށް ދިއުމަށް ލިބުނު ފުރުޞަތެއްކަމުގައި ދެކެމެވެ.

ދަތުރުފަތުރު

ބުނެވޭ ގޮތުގައި ނ. ބޮމަސްދޫމީހުން ފަރުކޮޅުފުނަދުއަށް ބަދަލުވި އިރު އެރަށުގައި ދަތުރުފަތުރުކުރުމަށް ބޭނުންކުރަމުން އައީ 4 އުޅަނދެވެ. އެއީ މަސްވެރިކަމުގައި ބޭނުންކުރާ ރިޔަލު އުޅަނދުފަހަރެވެ.

އޭރު މާލެ ދަތުރުކުރަނީ މަސްވެރިކަން ހުއްޓާލައި އިރުވައިމޫސުމުގެ ތެރޭގައެވެ. ދޯނިގެންގުޅުނި މާވަޑިގޭގައި އެއް ދޯންޏާއި، އާރާމުގޭގައި ދެދޯންޏާއި، އަތަމާގޭގައި މަޑުއްވަރީން ގެނެސްގެން ދުއްވާދޯންޏެކެވެ. ރަށުގެ ވެރިންގެ އެދުމުގެމަތީން ށ.ފަރުކޮޅުފުނަދޫ އާރާމުގޭ މުޙައްމަދު އަޙްމަދު މާލެދަތުރުކުރާ 15 ރިޔަނުގެ ދޯންޏެއް ގެނެސްގެން މާލެ ދަތުރުތައް ފެށިފައިވެއެވެ.

އެދުވަސްވަރު މާލެއިންގެންނަނީ ކާޑުގެ ބާވަތްތަކާއި، ހަވާދާއި، ދުފާތަކެއްޗާއި، ސާފުތެލެވެ. އަދި މާލެގެންދެވެނީ އުވަޔާއި، ދަރާއި، މަހާއި، ކުރުނބާ ކާށީގެ އިތުރުން ފަންގިއެވެ. މިއުޅަނދުގައި މާލެ ދަތުރެއް ނިންމާލެވެނީ ހަފްތާއެއްހާ ދުވަސް ހޭދަކޮށްގެންނެވެ.

އެއަށްފަހު ފަރުކޮޅުފުނަދޫގައި އިންޖީނުލީ ދޯންޏެއް ނެތުމާއެކު ޢާއްމު ރައްޔިތުންނާއި، ކުރިޔަށްތިއްބެވި ވެރިންގެ އެދުމުގެމަތީން ދޯންޏެއްގައި އެންމެ ފުރަތަމަ އިންޖީނެއް އަޅާފައިވަނީ މިރަށު އާރާމުގޭ މުޙައްމަދު އަޙްމަދުގެ ރިހިމަސް ދޯނީގައެވެ. އެއީ މިރަށަށް ހިޖުރަކުރިތާ ގާތްގަޑަކަށް 8 އަހަރު ފަހުންނެވެ. އޭނާވަނީ ކުރީ މާލެ ދަތުރުކުރުމަށް ހޯދި އުޅަނދު ގެންގުޅެމުން 65 ފޫޓުގެ އިންޖީނުލީ ބޯޓެއް ބަނދެ އަހަރުތަކެއް ވަންދެން މާލެދަތުރުކޮށް، އެއުޅަނދު ވިއްކާލުމަށްފަހު 75 ފޫޓުގެ ބޯޓެއް ފުނަދޫބޯޓުގެ ނަމުގައި އުފައްދާފައެވެ.

އަދި އެދުވަސްވަރު ގދ. ފިޔޯރީ މުރުތަޟާ މުޞްތަފާގެ ޔުލިސެސްބޯޓު ގެނެވި މާލެދަތުރުކުރުމުގައި ބޭނުންކުރެވިފައިވެއެވެ. މިއުޅަނދުތަކަށް މާލެ ދަތުރެއް ނިންމާލެވެނީ ދެދުވަހުންނެވެ.

އަދި ފުނަދޫ ބޯޓް ދަތުރުތައް ކުރިޔަށްދިޔަ ދުވަސްވަރުން ފެށިގެން މިއަދާއި، އަހަމައަށްވެސް ތަފާތު ރަށްރަށުގެ ބޯޓުތައް މިބަނދަރަށް ޖައްސަމުންދެއެވެ. މިޒަމާނަށް ބަލާއިރު މިރަށުގެ އުޅަނދަކަށް ދަތުރުކުރަނީ ށ.ފުނަދޫ ސޯސަންގޭ އަޙްމަދު މުޙައްމަދުގެ ސޯސަންމާ ބޯޓު އެކަންޏެވެ. އޭގެ އިތުރުން ރަށުން ބޭރުން 4 ބޯޓު ޢާއްމުކޮށް ދަތުރުކުރަމުންދާކަމީ މިބަނދަރުގެ މުހިންމުކަން ހާމަވާ ކަމެކެވެ.

އަދި މިބޯޓުތަކަކީ 12 ގަޑިއިރުގެ ތެރޭގައި މާލެއަށް ދެވޭ ބޮޑެތި ބޯޓުފަހަރުކަން ފާހަގަކުރެވެއެވެ. 1990ގެ އަހަރުތަކުގެ ތެރޭގައި ސްޕީޑްލާންޗް ތަޢާރަފްވެ ކައިރި ދަތުރުތަކާއި، އެމަރޖެންސީ ދަތުރުތައް ކުރެވެމުން އައީ ލާންޗުފަހަރުގައެވެ. މީގެ އިތުރުން 2010ގައި އޭރުގެ ސަރުކާރުން އަތޮޅުތެރޭގެ ދަތުރުތަކަށް ޚާއްޞަކޮށް ފެށި ފެރީގެ ނިޒާމު މިހާރު އިތުރަށް ހަރުދަނާކޮށް ހަފްތާގެ ވަކި ދުވަސްތަކެއްގައި ކަނޑައެޅިފައިވާ ރޫޓްތަކުން ފުނަދުއަށް ދަތުރުކުރެވެމުންދާކަން ފާހަގަކުރެވެއެވެ.

މިއަތޮޅަކީ އެތެރެވަރި ނޯންނަގޮތަށް އުފެދިފައިވާ އަތޮޅަކަށްވުމާއެކު ދަތުރުފަތުރުކުރުމަކީ އަތޮޅުގެ ރައްޔިތުންނާއި، ޚާއްޞަކޮށް ފުނަދޫގެ ރައްޔިތުންނަށް ވަރަށް އުނދަގޫކަމެކެވެ. ދަތުރުފަތުރުގެ ގޮތުން ވެރިރަށް މާލެއާއި، އެއްމެ ދުރުގައިވާ މިރަށުން ވައިގެ ދަތުރުތައް ފެށުމުގެ ހުވަފެން ދެކެމުން އަންނަތާ އެތައް ޒަމާންތަކެއް ވެއްޖެއެވެ. މާކުރިންސުރެ ޤައުމުގެ ވަލިއްޔުލް އަމްރުގެ ގަލަމުތުނޑުން ދިވެހިރާއްޖޭގެ ޗާޓުގައި އެއަރޕޯޓް އެޅުމަށް ފަރުކޮޅުގައި ތިކިޖެއްސެވި ކަމަށް ދެކެވޭ ވާހަކަތަކަކީ ފުލޯކު ކަމަށް ބެލޭނެ ޖާގައެއް ނެތެވެ.

އެހެނީ މިސަރަހައްދުގެ ބައެއް ޤައުމުތަކުގެ އެއަރޕޯޓްތަކުގައި ބަހައްޓާފައި ހުންނަ ޗާޓުތަކުގައި ފާހަގަކޮށްފައިވާ ކަމީ އޭގެ ހެއްކެކެވެ. ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް އަލްއުސްތާޛް މައުމޫނު ޢަބްދުލްޤައްޔޫމުގެ ވެރިކަމުގެ ފަހު ދުވަސްވަރު އެއަރޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް އާއި، މަސައްކަތް ޙަވާލުކޮށް އަމަލީ މަސައްކަތް ފެށުމާ ދާދިގާތަށް ގޮސްފައި ވަނިކޮށް އެއަށްފަހު އައި ސަރުކާރުން 1800 އަކަމީޓަރ ބޮޑުކުރުމުގެ ނަމުގައި ޗާޓުން ބޭރުކޮށްލާފައިވާ،އަދި ކޮންމެ ފަހަރަކު ވޯޓާއެކު ފުނަދޫ ރައްޔިތުންނާ ކުރިމަތިކުރާ ފުނަދޫ އެއަރޕޯޓްގެ މައްސަލައަކީ ހޭލާހުއްޓައި ފެންނަ ހުވަފެނެކޭ ދެންނެވިދާނެއެވެ.އަދި އެމަސައްކަތް ހުއްޓިފައި އޮތުމަށްފަހު 25 ޖޫން 2013ގައި އާރާމް ޓްރެވަލްސް އާ ފަރުކޮޅު އެއަރޕޯޓްގެ މަސައްކަތް ރަސްމީކޮށް ޙަވާލުކުރެވިފައިވެއެވެ. އަދި ޙަވާލުކުރި މަސައްކަތް ކުރިޔަށްނުދާތީ 25 ސެޕްޓެމްބަރ 2014ގައި ދިވެހި ސަރުކާރުގެ ފަރާތުން އެއެއްބަސްވުން ވަނީ ބާޠިލުކޮށްފައެވެ.

މިގޮތަށް މިއެއަރޕޯޓުގެ ކަންތައްތައް ގޮސް ރައްޔިތުން އުއްމީދު ގެއްލިފައިވާއިރު މިއަދުގެ ސަރުކާރުން ވަނީ މިކަމަށް ވަޢުދުވެ، ފުނަދޫގެ ތަރައްޤީއާ ގުޅިފައިވާ އެއަރޕޯޓް އެޅޭނެކަމުގެ އުއްމީދު އައުކޮށްދެއްވާފައެވެ.

ކުޅިވަރު

މިރަށުމީހުންނަކީ ޒަމާނުއްސުރެ ކުޅިވަރަށް ލޯބިކުރާ ބައެކެވެ. ކުރީގައި ކުޅިވަރުތައް ކުޅެވެމުން އައީ މުނާސަބަތުތަކާ ދިމާކޮށެވެ. އެހެންނަމަވެސް ވޮލީއާއި، ފުޓްބޯޅައާއި، ބައްޓަކީ މީގެ 40 އަހަރުކުރިން ރަށަށް ތަޢާރަފްވެ ކުޅެން ފެށިފައިވާ ކުޅިވަރުތަކެވެ.

އޭގެ އިތުރުން މަންޑިއަކީ ކުރީގައި ފިރިހެނުން ވަރަށް ފޯރިއާއެކު ކުޅެމުން އައިސްފައިވާ ކުޅިވަރެއްކަން ފާހަގަކުރެވެއެވެ. އެންމެ ފުރަތަމަ ވޮލީއާއި، ފުޓްބޯޅަ ކުޅެމުންއައީ މިހާރު ދިރާގު އެންޓަނާ ޓަވަރ އެހުރި ބިމުގައެވެ. ބަށިކުޅެމުން ގޮސްފައިވަނީ ކުރީގެ އަތޮޅުގެއާ ދިމާ އަތިރިމަތީގައެވެ.

އަދި މަންޑިކުޅުމަށް ބޭނުންކުރަމުން އައީވެސް ހަމަ އެސަރައްދެވެ. ބޯޅަކުޅުމަށްޓަކައި ކުރިން ބޭނުންކުރި ތަން ކުޑަވެގެން މިހާރު ޒުވާނުންގެ މަރުކަޒު އެހުރިބިން ސާފުކޮށް 2000ވަނަ އަހަރާ ހަމައަށް ފުޓްބޯޅަކުޅެމުން ދިޔައީ އެދަނޑުގައެވެ. ޒުވާނުންގެ މަރުކަޒު އެޅުމަށް އެބިން ދޫކުރުމުން މިހާރު އެއޮތްތަނަށް ބަދަލުކޮށް ބިންސާފުކުރެވިފައިވަނީ އެއަހަރުގެ ތެރޭގައެވެ.

ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރެވިފައިވަނީ ފުނަދޫ ޒުވާނުންގެ ޖަމްޢިއްޔާގެ ވަރަށްބޮޑު ދައުރެއް އޮވެގެންކަން ފާހަގަކުރެވެއެވެ. އަތޮޅުގެ ޒުވާނުންނަށް ކުޅިވަރުކުޅޭނެ ގޮތްތައް ފަހިކޮށްދިނުމުގެ ގޮތުން ޒުވާނުންނާއި، ކުޅިވަރު މަރުކަޒު ޒޯން 2 ގެ ބިންގައު 8 ފެބްރުއަރީ 2000 ގައި އޭރުގެ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އޮނަރަބްލް އަލްއުސްތާޛް މުޙައްމަދު ޒާހިރު ޙުސައިން އަޅުއްވައިދެއްވައި ހަމަ އެއަހަރުގެ އޯގަސްޓް މަހުގެ 22ވަނަ ދުވަހު ވަނީ ހުޅުވައިދެއްވާފައެވެ. މި ޢިމާރާތުގައި އޮފީސް ބަޔަކާއި، ކްލާސްރޫމަކާއި، އެރޮބިކްސްކްލާހެއްގެ އިތުރުން އައުޓްޑޯ 2 ވޮލީކޯޓާއި، ބާސްކެޓްކޯޓެއް ހިމެނެވެ.

އެތަނަށް އިދާރީ މުވައްޒަފުންނާއި، އިންސްޓްރަކްޓަރުން ލައްވައި ފުނަދޫގައި އެރޮބިކްސް އާއި، ޖިމްގެ ޚިދުމަތް ބޭނުންވާ ފަރާތްތަކަށް އެޚިދުމަތް ދެމުން ގޮސްފައިވެއެވެ. އަދި އޭގެ އިތުރުން މިޒޯނުގައި ހިމެނޭ ރަށްރަށަށް އަމާޒުކޮށްގެން ފެހުމާއި، މާޖަހަން ދަސްކޮށްދިނުމާއި، ކޯޗިންގ ކޭމްޕްފަދަ ކުރު ތަމްރީނު ޕްރޮގްރާމްތައް ހިންގިފައިވާ ކަން ފާހަގަކުރެވެއެވެ. އެއާއެކު އަތޮޅު ރަށްރަށަށް ކުޅިވަރުކުޅޭ ތަކެތި ކޮންމެވެސް މިންވަރެއްގައި ފޯރުކޮށްދީ ކުޅިވަރުތަރައްޤީ ކުރުމަށް މަސައްކަތްކުރެވިފައިވާ ކަން ފާހަގަކުރެވެއެވެ.

އެހެންނަމަވެސް 2010ގެ ތެރޭގައި މިމަރުކަޒު ޕްރޮވަޓައިޒްކުރުމުން އެތަން ކުރިޔަށްވުރެ ދަށްވެ ތަކެތި ހަލާކުވެ، ނެތިގެން ގޮސްފައިވަނިކޮށް މިހާރުގެ ސަރުކާރުން އެތަން މަރާމާތުކޮށް އެޚިދުމަތްތައް ޤާއިމުކުރަމުންދާވެއެވެ. ޒުވާނުންގެ މަރުކަޒުގެ ކޯޓުތަކުގައި ވޮލީކުޅުމަށް ބޭނުންވާ އެއްމެންނަށް އެއްގަޑީގައި ވޮލީކުޅުމުގެ ފުރުޞަތު ހަނިވުމާއި، ދިގުރަށަކަށްވުމާއެކު ގިނަ ޒުވާނުން ވޮލީއަށް އަހުލުވެރިކުމުގެ ގޮތުން އެއިޑް ޖަމްޢިއްޔާއިން ވަނީ ރަށުގެ މެދު މިސްކިތުގެ ދެކުނުން އޮތް ގްރީން އޭރިޔާގައި 100 ފޫޓް 80 ފޫޓްގެ ތަނެއްގައި ވޮލީކޯޓެއް ޤާއިމުކުރެވިފައެވެ. 2010ގައި ފެށުނު މިމަސައްކަތް ނިމިފައިވަނީ 2011ވަނަ އަހަރުގެ ތެރޭގައެވެ.

ފުނަދޫ ޓީމުތަކުން ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު 2007ވަނަ އަހަރުގެ ޤައުމީ ވޮލީ ލީގާއި، ޤައުމީ ވޮލީބޯޅަ މުބާރާތުގެ ދެވަނަ ޓީމަކަށް ފުނަދޫ ވޮލީޓީމު ހޮވިފައިވެއެވެ. މީގެ އިތުރުން ޒޯން 2ގެ ޒުވާނުންނާއި، ކުޅިވަރުގެ މަރުކަޒުން އިންތިޒާމުކޮށްގެން ށ.ނ ހިމެނޭ ޒޯނުގައި ބޭއްވުނު ވޮލީ މުބާރާތްތަކުގައި ބައިވެރިވެ ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާ ކަން ފާހަގަކުރެވެއެވެ. ށ.ނ ހިމެނޭ ޒޯނަށް އަމާޒުކޮށްގެން 2009ވަނަ އަހަރު ބޭއްވުނު އެންމެބޮޑު ފުޓްބޯޅަ މުބާރާތް ބޭއްވުނު ކަމީ ފުނަދޫގެ ފުޓްބޯޅައިގެ ޙަޔާތުގައި ހަނދާނުން ފޮހެލަން ދަތި ދުވަހެކެވެ.

14 ޓީމު ބައިވެރިވި މިމުބާރާތުގެ އިންތިޒާމުތަކުގައި ފުނަދޫ ޒުވާނުންގެ ޖަމްޢިއްޔާ އާއި، ސަރުކާރުގެ މުއައްސަސާތަކާއި، ރަށުގެ ރައްޔިތުން ވެދެއްވާފައިވާ އެހީތެރިކަމަކީ ކުޅިވަރުގެ މައިދާނުގައި ރަށުގެ ރައްޔިތުން އެއްރޫޙެއްގައި ތިބިކަން ސާބިތުކޮށްދޭ ކަމެކެވެ. 2014ވަނަ އަހަރު ބޭއްވުނު އެފް.އޭ.އެމް ށ.އަތޮޅު ފުޓްބޯޅަ މުބާރާތުގައި ފުނަދޫ ޒުވާނުންގެ ޖަމްޢިއްޔާގެ ނަމުގައި ސީދާ ފުނަދޫ ކައުންސިލްގެ ބެލުމުގެ ދަށުން ޓީމެއް ބައިވެރިކޮށް އަތޮޅު މުބާރާތުގެ ފައިނަލްކުޅެ ރަނަރަޕް ޓީމެއްގެ ގޮތުގައި ހޮވިފައިވެއެވެ. އަދި ޒޯން މުބާރާތުގައި ބައިވެރިވެ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ފައިނަލްގައި ވާދަކޮށް ރަނަރަޕް ޓީމަކަށް ހޮވިފައިވާ ކަމީ ށ.އަތޮޅުގެ ފުޓްބޯޅައިގެ ތާރީޚުގައި ފާހަގަކުރެވޭ ކަމެކެވެ.

މީގެ އިތުރުން އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ފުނަދޫ ކައުންސިލުން އިސްނަންގަވައިގެން ކޮންމެ އަހަރަކުވެސް ފުޓްސަލް މުބާރާތެއް ބޭއްވެމުންދެއެވެ. އަދި ރަމަޟާން މަހާ ދިމާކޮށް ކުޅިވަރު ޙަރަކާތްތަކެއް ކޮންމެ އަހަރަކުވެސް ކުރިޔަށްގެންދެވެއެވެ. ކުށުގެވެށިން ޒުވާނުން ދުރުކުރުމުގެ މަޤްޞަދުގައި ށ.ފުނަދޫ ޕޮލިސް ސްޓޭޝަނުން ރާއްވަވައިގެން ޕޮލިސް ކަޕްގެ ނަމުގައި ތަފާތުކުޅިވަރު މުބާރާތްތަކެއް އެކިދުވަސްވަރު ބޭއްވިފައިވެއެވެ.

އޭގެ އިތުރުން މިރަށަކީ މުޅި ރާއްޖޭގައިވެސް މޫދުކުޅިވަރު އެންމެ ގިނައިން ކުޅޭ އެއްރަށެވެ. މޫދުކައިޓް ދުއްވުމާއި، ވިންޑްސަރފިން އަކީ މިރަށުގެ ޒުވާނުން ވަރަށް ފޯރިޔާއެކު ކުރަމުންދާ ކަންކަމެކެވެ. ރަށުގެ ތުނޑީކޮޅުން މިކުޅިވަރުތައް ފެންނަމުންދާ ކަމީ އެސަރަހައްދަށް ޒިޔާރަތްކުރާ މީހުން އިތުރުވުމުގެ ސަބަބެއް ކަމުގައި ފާހަގަކުރެވެއެވެ.